މުޒާހަރާއަށް ނުދާން ޝަރުތު ކުރުމަކީ ގާނޫނާއި ހިލާފު ކަމަކަށް "ވެދާނެ": ޕީޖީ

ބަންދުން ދޫކޮށްލުމުގައި މުޒާހަރާ އަށް ނުދާން ޝަރުތުކުރުމަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމަކަށް "ވެދާނެތީ"، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ގެންނަވައިފި...

31 Mar 2015 | 08:30

ބަންދުން ދޫކޮށްލުމުގައި މުޒާހަރާ އަށް ނުދާން ޝަރުތުކުރުމަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމަކަށް "ވެދާނެތީ"، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ގެންނަވައިފި އެވެ.

މިފަހަކަށް އައިސް މާލޭގައި ކުރާ މުޒާހަރާތަކާއި ގުޅިގެން މުޒާހަރާ ނުކުރަން ޝަރުތުކޮށް، އެކި މީސްމީހުން ބަންދުން ދޫކުރުން އާއްމުވެފައި ވަނިކޮށް، އެއީ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފުކަމަކަށް ވެދާނެ ކަމަށް ޕީޖީ މުހުތާޒު މުހުސިން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި، ޕީޖީ ވިދާޅުވެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރަކަށް ކުރެއްވޭނީ، ކަމާއި ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ހަތަރު ޝަރުތުން ކުރެ ޝަރުތެކެވެ. އެ ހަތަރު ޝަރުތަކީ ރަށުން ބޭރަށް ފުރައިގެން ނުދިއުމާއި ރަށުގެ ވަކި ސަރަހައްދަކަށް ނުދިއުމާއި ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެ ސޮއިކުރުން އަދި އުޅޭ އެޑްރެހާއި ފޯން ނަމްބަރު ބަދަލުވެއްޖެ ނަމަ ކަނޑައެޅޭ ވަކި އިދާރާ އަކަށް އެންގުމެވެ.

އޭގެ ތެރޭގައި މުޒާހަރާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ނޯވެ އެވެ. އެހެންވެ މުހުތާޒްގެ ސިޓީގައި ވިދާޅުވެފައި ވަނީ "މި ބާވަތުގެ މައްސަލަތަކުގައި" ފަހަކަށް އައިސް ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތައް "ގާނޫނުއަސާސީން އެކަށައަޅާފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓޭ ފަދަ ގޮތަކަށް" ހުންނަކަން ފާހަގަކުރެއްވޭ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުން ދާ މުޒާހަރާތަކުން ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަހަކަށް އައިސް ގިނަ މީހުން ބަންދުން ދޫކޮށްލަނީ ވަކި މުއްދަތަކަށް މުޒާހަރާ ނުކުރަން ޝަރުތުކޮށްފަ އެވެ. އެ ޝަރުތާ އެއްބަސް ނުވާ މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަން އަންގާއިރު، އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް ވެރިންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތެރޭގައި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލު އާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ހިމެނި ވަޑައިގެންނަވަ އެވެ. އޭގެ ތެރެއިން ޑރ ދީދީ ވަނީ މުޒާހަރާގައި ބައިވެރިނުވާން ޝަރުތުކޮށް ދޫކޮށްލުމުން ވެސް މުޒާހަރާގައި ބައިވެރިވެފައިވާތީ އަލުން ހައްޔަރުކޮށްފަ އެވެ. ފައްޔާޒު އެ ޝަރުތުތަކަށް އެއްބަސްނުވުމުން ފުލުހުްނގެ ބަންދުގައި ބެހެއްޓުމަށް ފަހު ފަހުން ދޫކޮށްލީ އެވެ.

މުޒާހަރާތަކަށް ނުދެވޭ ގޮތަށް ޝަރުތު ކަނޑައަޅަން ފުރަތަމަ ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، އެމްޑީޕީން ކުރަމުން ދިޔަ މުޒާހަރާތަކުގައި ހައްޔަރު ކުރަން ފެށި މީހުންނަށެވެ. އޭރު އާއްމު ގޮތެއްގައި ޝަރުތު ކަނޑައަޅާފައި ހުރީ ރޭގަނޑުގެ ވަކި ވަގުތެއްގައި މުޒާހަރާތަކުގައި ބައިވެރި ނުވުމަށެވެ.

އެކަމާއި ގުޅިގެން އޭރުގެ ޕީޖީ އަހުމަދު މުއިޒުވެސް ވަނީ މުޒާހަރާތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ޝަރުތު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް