އިދިކޮޅު އެމްޑީޕީ ސަރުކާރުގައި މިފަދަ ރެލީއެއް ހިނގާ ނަމަ ފުލުހުންގެ ފަރާތުން އަނިޔާ ލިބުނީސް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ މަލްސާ ސަރީފް ބުނެފިއެވެ.
މަލްސާ މިހެން ބުނީ އެމްޑީޕީން މިރޭ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހިނގާލުމާއި ގުޅިގެން އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަނީ މި ރެލީ އަކީ އެމްޑީޕީ ސަރުކާރުގައި ހިނގާ ކަމެއް ނަމަ، ހަމަނުޖެހުމާއި، ޕެޕަރ ސްޕްރޭ ޖެހުމާއި، ހައްޔަރުކުރުމާއި، މާރާމާރީ ހިންގުމާއި، ފުލުހުންގެ ފަރާތުން އަނިޔާވެރި ގޮތްތައް ބޭނުންކުރާނެ ކަމަށެވެ.
އޭގެ ބަދަލު މިއަދު ރައީސް މުޢިއްޒުގެ ވެރިކަމުގައި، ޙަޤީޤީ ޑިމޮކްރަސީ ކާމިޔާބުކޮށްފައިވާ ކަމަށް މަލްސާ ބުނެފައިވެއެވެ.
އެގޮތުން އެމްޑީޕީން މިވަނީ މިނިވަންކަމާއެކު ރެލީ ބާއްވާފައި ކަމަށާއި އެމީހުންގެ އަޑު މަނާކުރުމުގެ ބަދަލުގައި ފުލުހުން މިވަނީ އެމީހުން ރައްކާތެރިކޮށްދީފައި ކަމަށް މަލްސާ ބުންޏެވެ.
މީގެއިތުރުން ކުރީގައި އިދިކޮޅު ފަރާތްތަކުގެ އަޑު މަނާކުރި މީހުން މިހާރު އެމީހުން އެހެން މީހުންނަށް ދީފައިނުވާ މިނިވަންކަން އަމިއްލައަށް އެދަނީ ލިބެމުންކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
މިރޭގެ އެމްޑީޕީގެ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވާއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަދި ހިނގާފައެއް ނުވެއެވެ.
އެ ރެލީގައި އެމްޑީޕީން ވަނީ ރައީސް ޑރ މުއިއްޒު އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް