މިވަގުތަކީ ތާރީހީ ވަގުތެއް، އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާ އެކު މުޒާހަރާކުރުމުގެ ފުރުސަތު ސަރުކާރުން މިވަނީ ދީފަ: ފަހުމީ

އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއި އެކު މުޒާހަރާކުރުމުގެ ފުރުސަތު ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވާ، މިއީ ތާރީހީ ރެއެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހު...

31 Jan 2025 | 17:26

އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއި އެކު މުޒާހަރާކުރުމުގެ ފުރުސަތު ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވާ، މިއީ ތާރީހީ ރެއެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ މިރޭ އެމްޑީޕީން ކުރިއަށް ގެންދާ "ފުދިއްޖެ ފުޑިއްޖެ" ރެލީ އާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު މުޒާހަރާކުރުމުގެ ފުރުސަތު ލިބިގެންދާތީއެވެ. އަދި މިއީ ޚާއްޞަކޮށް ޕާލިމެންޓުގައި ސުޕަރ މެޖޯރިޓީއެއް އޮތް ސަރުކާރެއްގެ ދަށުން މިހާތަނަށް ދެކިފައިނުވާ ކަމެކަމަށްށާއި، މިފަދަ ފެންވަރެއްގެ ފުރުޞަތު ދިނުމެއް ކުރީގެ އެއްވެސް ސަރުކާރެއްގެ ދަށުން ފެނިފައި ނުވާކަމަށެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ،މިކަމުން ދައްކުވައިދެނީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ނެގެހެއްޓުމަށާއި، ސިޔާސީ ގޮތުން އެންމެންނަށް ފުރުޞަތު ދިނުމަށާއި، ޤާނޫނުގެ ޙުކުމަތު ކަށަވަރުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ވަރުގަދަ އަޒުމުކަމަށެވެ.

އަދި މިފަދަ ފުރުޞަތުތައް ދެއްވުމުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތަކަށް އިޙްތިރާމްކުރުމާއި ސިޔާސީ މިނިވަންކަމަށް ޙުރުމަތްތެރިކޮށް ހިތުމުގައި އައު މިންގަނޑެއް ޤާއިމްކުރައްވާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މިރޭ އެމްޑީޕީން ކުރިއަށް ގެންދާ މި ރެލީގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް