ކަސްޓަމްސް އިން ބަލައި ފާސްކުރި ކޮންޓެއިނަރ ތަކަކުން މިޔަރު މަހާއި މަޑި މަސް ފެނުނު މައްސަލައިގާ ޑައިރެކްޓަރު ނަހުލާ، އެކަމުގެ ތަފްސީލް ހިއްސާކޮށްފިއެވެ.
ރޭގައި ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 07 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ މައްސަލައެއް ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
"މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން، މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22.12.2024 ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި" ކަސްޓަމްސް އިން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާގޮތުގައި 22 ޖޫން 2005ގައި ރަޖިސްޓްރީކޮށްފައިވާ "ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް"ގެ ދެ ހިއްސާދާރުންނަކީ ފިލްމު ޑައިރެކްޓަރު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާންއެވެ.
މިކަމުގެ ތަފްސީލު ހާމަކުރަމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނަހުލާ ބުނެފައިވަނީ އެއީ ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި ކޮންޓެއިނަރެއް ނޫން ކަމަށާއި އެއީ ރީ އެކްސްޕޯޓް ކޮންޓެއިނަރ އެއް ކަމަށެވެ.
"މި ސީފްރައިޓް ޝިޕްމަންޓް ފުރަތަމަ ބޭރުކުރަން ކަނޑައެޅިފައިވަނީ 30 ސެޕްޓެމްބަރު ކަމަށްވާތީ ޝިޕްމަންޓް ރެޑީ ކުރުމަށްފަހު 24 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ޗުއްޓީއަށް ފުރައިގެން ދިޔައީ، ޝިޕްމަންޓް ޕެކްކޮށް ހުރިހާކަމެއް ރެޑީކޮށް އެމްއެމްއެސް ކޮންޓެއިނަރގެ ސީލްވެސް އަޅުގަނޑުމެންގެ ކޮމްޕެނީގެ ޒިންމާދާރުވެރިއެއްކަމަށްވާ އަޒްލީން ހަސަން އާ ހަވާލު ކުރުމަށްފަހު" ނަހުލާ ބުނެފައިވެއެވެ.
އެހެން ނަމަވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ކޮންޓެއިނަރ ގެ ސީލްވެސް ހަވާލު ކުރުމަށްފަހު ގުޅުމުން އަދި މެއިލަށްވެސް ޖަވާބު ނުދީ ޝިޕްމެންޓް ނުލާ ބޯޓު ފުރުވާލީ ހަނދާން ނެތި ކަމަށް ބުނެކަމަށް ނަހުލާ ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެ، ތައްޔާރުކުރި މަހުން ބޮޑު ބައެއް ހަވާލުވެ އެހެން ބޯޓަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ކޮންޓެއިނަރ އަލުން ބަރުކުރަން ޖެހުނުކަން ފާހަގަކޮށް ނަހުލާ ބުނެފައިވަނީ އޭރުވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން އަޒްލީންގެ ޒިންމާގެ ދަށުން ރާއްޖޭގެ ރައްޔިތުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ ލޮނުމަހާއި ހިކިމަސްގަނެ، ކުންފުނީގެ މުވައްޒަފުން ލައްވާ ކޮންޓެއިނާ ބަރުކޮށް އަލުން ބޭރު ކުރެވުނު ކަމަށެވެ.
"ކޮންޓެއިނާގައި އެއްވެސް މައްސަލައެއް ނެތްކަމަށްބުނެ ކަސްޓަމްސްގެ ހުއްދައާއި އެމްއެފްޑީއޭގެ ހުއްދައާއެކު ގާތްގަނޑަކަށް 13 ޓަނުގެ މި ކޮންޓެއިނަރ ލަންކާއަށް ފޮނުވާލެވުނީ MSS GALENA G060W އިން 03 އޮކްޓޯބަރުގައި" ނަހުލާ ބުނެފައިވެއެވެ.
އެހެންނަމަވެސް އެކޮޅަށް ޝިޕްމަންޓް ދިއުމުގައި ބޯޓު އިތުރަށް ޑިލޭ ވުމާއެކު މަހުގެ އަގު ވެއްޓި، އެކޮޅުން ގަންނަ ފަރާތާ ކުންފުންޏާ އެއްބަސްވި އަގަށް ބަދަލުތަކެއް އައުމުގެ ސަބަބުން، އާ އަގަށް އެއްބަސް ނުވެވި ކޮންޓެއިނާ އަލުން އަނބުރާ މާލެ ގެނެވުނުކަމަށާއި އެއީ ރީ އެކްސްޕޯޓެއްކަން ނަހުލާ ފާހަގަކޮށްފައިވެއެވެ.
"އޭގައި މިޔަރު ނުވަތަ މަޑިމަސް ހުރިކަން އެނގޭނަމަ އަޅުގަނޑުމެން ގަސްތުގައި ރީ-އެކްސްޕޯޓެއް ނުކުރާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެ" ނަހުލާ ބުނެފައިވެއެވެ.
އެއީ އެ ކުންފުނިން ގަސްތުގައި ކުރިކަމެއް ނޫންކަން ފާހަގަކުރަމުން ނަހުލާ ބުނެފައިވަނީ ކަން ހިނގި އިރު އޭނާއާއި އޭނާގެ ފިރިމީހާ ތިބީ ރާއްޖެއިން ބޭރުގައި ކަމަށާއި އެކަމާ ހަވާލުވި ފަރާތް ކަމުގައިވާ އަޒްލީން ހަސަންއަށްވެސް އެކަން އެނގިގެން ކޮށްފައިވާކަމަށް ގަބޫލު ނުކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
"އެހެންނަމަވެސް މީ އެފަރާތުގެ އިހުމާލު އޮތްކަމެއްކަމަށް މިއަދުވެސް އެ ފަރާތުން ޒިންމާއަށް އެއްބަސްވޭ" ނަހުލާ ބުނެފައިވެއެވެ.
ނަހުލާ އިތުރަށް ބުނެފައިވަނީ ނަހުލާމެންނަކީ އެފަދަ ކަމެއްގައި ބައިވެރިވާނެ ބައެއް ކަމަށް ނުވާތީ އަޒްލީންއަށް ނޭނގިނަމަވެސް އެކަން ހިނގާފައިވާތީ އެފަރާތުން ކަމުގެ ޒިންމާ ނަގާކަމާ އެކަމާ ހިތާމަކުރާކަން އަންގާފައިވާކަމަށާއި އަދި ފިޝަރީޒް އިން މަސް ޗެކް ކުރުމަށްފަހު އެއީ ސީދާ ކޮންބާވަތެއްގެ މަހެއްކަން ކަށަވަރުވެފައިވެސް ނުވާކަމަށްވެސް ނަހުލާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް