ބަރުދަނުގައި ޖުމުލަ 582 ކިލޯހުރި މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުންޏަކީ ފިލްމު ޑިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާންގެ ކުންފުނިކަން އެނގިއްޖެއެވެ.
ރޭގައި ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 07 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ މައްސަލައެއް ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.
"މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން، މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22.12.2024 ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި" ކަސްޓަމްސް އިން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާގޮތުގައި 22 ޖޫން 2005ގައި ރަޖިސްޓްރީކޮށްފައިވާ "ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް"ގެ ދެ ހިއްސާދާރުންނަކީ ފިލްމު ޑައިރެކްޓަރު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާންއެވެ. އެ ކުންފުނީގެ ދަށުން "ނަހުލާގެ ބީ" މި ނަން ބިޒަނަސް ނަމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާއިރު އެއީ ނަހުލާ ޑައިރެކްޓްކުރި ފިލްމެކެވެ.
އެ ކުންފުނީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ބިޒްނަސް އެކްޓިވިޓީސްތަކުގެ ތެރޭގައި މެރިން ފިޝިންގ، ކްރިއޭޓިވް އާޓްސް އެންޑް އެންޓަޓެއިންމަންޓް އެކްޓިވިޓީސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް