ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ޒިންމާދާރު އިސް މަޤާމެއްގައި ހުންނެވި ޝަމީމް އަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި އެ ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ޤާބިލްކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަޙްޤީޤްކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށާއި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރީންގެ ވާޖިބާ މަސައްކަތަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ޙަރަކާތްތަކެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭތީ، މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާޞިލުވުމަށް، ތަޙްޤީޤްގައި މަސައްކަތްކުރުން މުހިންމުކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށް ބުންޏެވެ.
"ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި މި ކޯލިޝަން އޮތްހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، އަދި ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި މި ކޯލިޝަން އަބަދުވެސް ދެމިއޮންނާނަން. އަދި ޤައުމުގެ މަސަލަސްކަމާ އަމްނު ކަށަވަރުކުރުމަށް އަބަދުވެސް މަގުފަހިކޮށްދޭނަން."
ނޫރު މިސްކިތް ކައިރިން ޝަމީމް އަށް ދިން ހަމަލާގައި އޭނާގެ ވާއަތުގެ އުޅޮބޮށިން ތިރި ވަނީ ޒަހަމްވެފައެވެ. އެ ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދުވެސް ވަނީ ލާފައެވެ.
ޝަމީމް އަށް މަގުމަތިން ދިމާކޮށް ހަމަލާދީފައިވަނީ ކޮން ބައެއްކަން މިހާތަނަށް އެނގިފައި ނުވިނަމަވެސް، ހަމަލާ ދިން ދެ މީހުން އައީ ފަތިހުން ފެށިގެން ޝަމީމް އަށް ފާރަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް