ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ލިބޭ ގޮތް ހަދައިފި

ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ލިބޭ ގޮތް އިސްލާމިކް މިނިސްޓްރީން ހަދައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރު...

31 Jan 2024 | 10:56

ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ލިބޭ ގޮތް އިސްލާމިކް މިނިސްޓްރީން ހަދައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށް، ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމް އަހުންނާއި އުހުތުންނަށް ލިބޭ ގޮތް ހަދާފައިވާއިރު، އިސްލާމް ދީނަކީ ޢާލަމީ ރިސާލަތެއް ކަމަށެވެ.

ޑރ ޝަހީމް އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހުކުރު ޚުތުބާގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން، އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި އިމާމު މީހާ ފެންނާނެހެން ޑިޖިޓަލް ސްކްރީން ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ހުކުރު ޚުތުބާ ކިޔަން ހުށަހެޅި 160 ޒުވާނުންނާ އިންޓަރވިއު ކުރަން ފަށާފައެވެ. މިނިސްޓަރ ޑރ. ޝަހީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޒުވާން ޚަޠީބު ޕްރޮގްރާމަކީ، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް