ސިޔާސީގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަޒުލުކުރުމަކީ ނުވަތަ އަޒުލުކުރުމަށް ހުށަހެޅުމަކީ ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވެފައިމިވަނީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލިމެންޓްރީ ގްރޫޕުން ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނިކޮށެވެ.
ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒު ޤާނޫނު އަސާސީއާއި ޚިލާފު ނުވާއިރު އަދި ރައީސްގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ އުނިނުވާއިރު ރައީސް އަޒުލުކުރުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މުޢިއްޒު އިންތިޚާބުކޮށްފައިވަނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އަދި ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އަދި ރައީސް މުޢިއްޒު މަޤާމާ ހަވާލުވިތާ އަދި ވީ އެންމެ ދެ މަސްދުވަސް ކަމަށާއި ހާއްސަކޮށް ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ރައީސުލް ޖުމްހޫރިއްޔާ ގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން. މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުޞޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެއް. މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތިކަން." ޤާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ގޮވާލާފައެވެ.
ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި ޤައުމަށް ކުރިއެރުން ހާޞިލް ކޮށްދިނުމަށް ކަމުން، އެމަނިކުފާނަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުޞަތު ދޭންޖެހޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް