ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމުން ޤާސިމްގެ ތައުރީފް ރައީސްއަށް!

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފް ކުރައްވ...

31 Jan 2024 | 07:36

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފް ކުރައްވައިފިއެވެ.

ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

ޤާސިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާ ކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމާފައިވީއިރު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ޤާނޫން އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕް ކުއްލިއަކަށް އަޅައި، 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމް.ޑީ.ޕީގައި އޮތް އިރު، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީއްޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް ކަމަށެވެ. އަދި އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތާމައާއި، ބޮޑު ނިކަމެތި ކަމެއްކަމެއްކަމަށް ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެ އަމަލަކީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަ ޖެހުމާއި، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ޤައުމު ފަސާދަވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓިދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެބޭފުޅާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އެބަ އޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުޢޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް