ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ދިމާކޮށް ބަޔަކު ދިން ހަމަލާ ކުށްވެރިކުރައްވާ އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައި ވާކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލުކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ ޝަމީމަށް މަގުމަތިން ދިން ހަމަލާ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް ޑރ މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަމަށެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި މި ސަރުކާރު ފެއިލްވެފައިވާކަމަށް އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީ އިން ވަނީ ޝަމީމް އަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ، ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި ޝަމީމްއަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ޑރ މުޢިއްޒުއަށް ގޮވާލާފައެވެ. އަދި ރައީސް ޑރ މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށް ވެސް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް