އުންމީދު ކުރަނީ މާޗް މަހު ޔާމީން މިނިވަން ވާނެކަމަށް: ޑރ. ޖަމީލް

ލަފާ ކުރެވޭ ގޮތުގައި އަންނަ މާޗް މަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ރައީސް ...

31 Jan 2023 | 17:36

ލަފާ ކުރެވޭ ގޮތުގައި އަންނަ މާޗް މަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝަވްތު ހިފައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެގެންނެވެ. މި ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

އެ ހުކުމް އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފު މައްސަލަތައް ކުރިޔަށްދާލެއް އަވަސްވާނެ ކަމަށެވެ. އާންމުކޮށް ހައިކޯޓުގައި އިސްތިއުނާފު މަރުހަލާތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށްވާތީ މާޗް މަހު އެމަނިކުފާނު މިނިވަން ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އަވަހަށް މައްސަލަ ނިމޭނީ ހައިކޯޓުގައި މައްސަލަ ކުރިޔަށް ދާއިރު ނުފޫޒެއް ނުވަދެ ކުރިޔަށް ގޮސްފި ނަމަ ކަމަށް ވަކީލުންގެ ޓީމުން ވިދާޅުވި އެވެ. ޔާމީންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

ވަކީލުންގެ ޓީމުން ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 25 ވަނަ ދުވަހު އެވެ. މިމަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ދޫކުރުމުގެ ކުރިން ވަކީލުން ވިދާޅުވަމުން ގެންދެވީ އިސްތިއުނާފު ލަސްވަނީ ރިޕޯޓު ނުލިބިގެން ކަމަށެވެ.

މީގެ ކުރިން ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓާއި އެއްކޮޅަށެވެ. ޔާމީން މިިނިވަންވީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ބާތިލް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް