ތައިވާނު ޗައިނާގެ މަސްރަހުގައި އެމެރިކާގެ އަސްކަރިއްޔާގެ އެހީގައި ތައިވާން ވަރުގަދަވާން ކުރާ މަސައްކަތުގައި ޗައިނާގެ ހަމަލާޔަކާ ކުރިމަތިލާންޖެހިދާނެކަމުގައި އަންދާޒާކޮށްފިއެވެ.
ދާހިލީ ހަނގުރާމަތަކާއި ގުޅޭ މާހިރުންނާއި ހަވާލާދީ މި އަންދާޒާ އުފައްދާފައިވަނީ ހޮންގްކޮންގް ޕޯސްޓްގައެވެ.
ތައިވާނުން ވަނީ އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު އެ ގައުމުގެ އަސްކަރިއްޔާ އިންތިހާއަށް ވަރުގަދަ ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ އަމަލީ މަސައްކަތް 2024 ގައި ފަށާނެކަން އިއުލާނުކޮށްފައިވާއިރު މި އެއްބަސްވުމާއެކު އެންމެ ޒަމާނީ ހަނގުރާމަމަތީ އާލާތްތަކަށް ތައިވާނުގެ އަސްކަރިއްޔާ ފައްކާ ކުރާނެއެވެ. އެމެރިކާއިން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިހާރު 165،000 ސިފައިންގެ އަސްކަރިއްޔާއެއް އޮންނަ ތައިވާނުގެ އަސްކަރިއްޔާއަށް އިތުރު 60 ހާހާއި 70 ހާހާއި ދެމެދުގެ އަދަކަށް އަސްކަރީ ސިފައިން ތަމްރީނު ކުރެވިގެންދާނެއެވެ.
ކަމާބެހޭ މާހިރުން ދެކޭގޮތުގައި ތައިވާނު އަމިއްލައަށް ވަރުގަދަވެ ބާރުދަވާ މަންޒަރު ބަލަން ޗައިނާއަށް ކެތްކުރުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ކޮންމެވެސް ސިފައެއްގައި ހަމަލާތަކެއް އައުން އެއީ ދުރުގައިވާ ކަމެއް ނޫންކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ތައިވާނަކީ މިނިވަން މުސްތަގިއްލު ވަކި ދައުލަތެއް ކަމުގައި އެ ގައުމުން ދެކެމުން އައި ނަމަވެސް ޗައިނާއިން އަދިވެސް ދެކެނީ ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައެވެ.
ޗައިނާ ތައިވާން މަސްރަހަށް ބަލައިލާއިރު 1927 އިން 1949 އަށް ޗައިނާގައި އޭރު އޮތް ސަރުކާރާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލަޝްކަރުތަކާއި ދެމެދު ހިނގި ދާހިލީ ހަނގުރާމައިގާ ކޮމިއުނިސްޓް ޕާޓީގެ ލަޝްކަރުތަކުން ކުރި ހޯދުމުން، އޭރު ވެރިކަން ކުރަމުންދިޔަ ޗިއަންގް ކައި-ޝެން އާއި އޭނާގެ ވަފާތެރި ހަނގުރާމަވެރިންނާއި އެ ފަރާތްތަކަށް ތާއީދުކުރާ ފަރާތްތައް ތައިވާނަށް ހިޖުރަކުރިއެވެ. އަދި އެއަށްފަހު ޗައިނާގެ މައި ބިމުގައި ވެރިކަން ކުރަމުން އަންނަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް