ރ އަދި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރަނީ

ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ބޭރުން އެތެރ...

31 Jan 2023 | 15:20

ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރަން ވަނީ ފަށާފައި ކަމަށެވެ.

މިގޮތުން މިހާރުވެސް މުޅިރާއްޖޭގައި 53 މެގަވޮޓުގެ ސޯލާ ޕިވީ ސިސްޓަމްތައްވަނީ ޤާއިމުކޮށްފައި ކަމަށާއި މީގެތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ 04 އަހަރުގެ ތެރޭގައި ޤާއިމުކޮށްފައިވާ ސިސްޓަމްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި މިއަދު ސޮއިކޮށް އެއްބަސްވުން އެކުލަވާލެވުނީ މާޅޮސްމަޑުލު އުތުރު ބުރި އާއި މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓު އަވަރގެ ބެޓްރި އެނަރޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނަރޖީ މެނޭޖުމަންޓް ސިސްޓަމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މި ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށެވެ.

އަދި އަންދާޒާކުރެވޭ ގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކޮންޓްރެކްޓް އިފެކްޓީވް ވާ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް 18.24 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ. އަދި ކޮންޓްރެކްޓަރ " ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މިސްޓަރ ސާއޯ ސިއޯ މިންގ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް