އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ކުރިއަށްގެންދިޔަ މަސައްކަތަކާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ އެޖެންސީން މައްސަލަ ބެލި ކަމަށާއި މިގޮތުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވުނު ކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2012/R-27(ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އާއި ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އެކު ޖުމްލަ 30,897,955.00 (ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަހެއް) ދިވެހި ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާ ކުރެވިފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ، އެ އެޖެންސީއަށް ދެއްކުމަށްވެސް 30 ޖެނުއަރީ 2023 ގައި އައްޑޫސިޓީ ކައުންސިލް އިދާރާ އަށް ދެންނެވިފައިވާނެކަމަށްވެސް އީޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް