ނިޝާހު އަކީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް: ރައީސް

އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓްގައި ބޮއެ އަޅަން މޫދަށް ފޭބި ފަހުން ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި ނިޝާހު އަބްދުލް ގަފޫރުގެ އާއިލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮ...

31 Jan 2023 | 09:23

އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓްގައި ބޮއެ އަޅަން މޫދަށް ފޭބި ފަހުން ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި ނިޝާހު އަބްދުލް ގަފޫރުގެ އާއިލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ނިޝަހު ނިޔާވީ އދ. މަހިނބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ 6:45 ހާއިރު އެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ18 އަހަރެވެ،

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ވަކިވެގެންދިޔަ ނިޝާހްއަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާ ކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރ. އިނގުރައިދޫގައި 18 ނޮވެމްބަރު 2018 ގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތްކުުރުމަށް ދެއްކި ހިތްވަރު ފާހަގަކޮށް ނިޝާހަށް ރައީސް ސޯލިހް ވަނީ 2019 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު ވެސް ދީފައެވެ.

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ވެސް އެކަން ހިނގައިދިޔަގޮތް އިތުރަށް ބަލައި ހާއްސަ އެވޯޑެއް އަދި ބައިނަލްއަގުވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުން ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި ނިޝާހު ކުރި އާދަޔާ ހިލާފު މަސައްކަތް ފާހަގަކޮށް ސްކައުޓް އެސޯސިއޭޝަން އިން ސެޕްޓެމްބަރު 27، 2021 ގައި ވަނީ އޭނާއަށް ގެލެންޓަރީ ރަން މެޑަލް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް