ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވާނެ!

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސް އިން ބުނެފި އެވެ. ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ...

31 Jan 2023 | 07:17

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކަން ދެ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސް އިން ބުނެފި އެވެ.

ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި ބޮސްކާލިސްއާ ހަވާލުކުރީ 17 އޮކްޓޯބަރު 2019 ގަ އެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެ އެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ހަދާފައިވާ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެކި ކަންކަން ކުރަން ރާވާފައިވާ ކަމަށެވެ.

ބޮސްކާލިސް އިން ބުނީ މުޅި މަޝްރޫއަށް 120 މިލިއަން ޔޫރޯ (ދެ ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ ފަޅަށް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ ކަމަށް ބުންޏެވެ.

ގުޅިފަޅު ހިއްކުމަށް ސަރުކާރުން ވަނީ ތިން ބޭންކަކުން 101 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފަ އެވެ. އެއީ ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އެމްރޯ ބޭންކާއި އައިއެންޖީ ބޭންކުންނެވެ.

ބޮސްކާލިސްއިން ވަނީ 2019 ވަނަ އަހަރު ގުޅިފަޅުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ވެސް ހިންގައިފަ އެވެ. މި ސަރުކާރުން ހަދަމުން އަންނަ ތިލަމާލެ ބްރިޖު ގުޅިފަޅާ ގުޅުވާލުމަށް ބޭނުންވާ ސަރަހައްދު ވެސް އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

ބޮސްކާލިސްއަކީ 2010 ވަނަ އަހަރު ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ވެސް ހިއްކި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް