‘ފިކުރުބޮޑުވުމާއި އެކަމުގެ ހައްލު’ ގެ ނަމުގައި ޑރ.އަނާރާ ނަޢީމް ލިޔުއްވާފައިވާ މުޖުތަމައުގެ ފަރުދުންނަށް ބޭނުންތެރި ފޮތެއް މިއަދު ނެރުއްވައިފިއެވެ.
ޑރ.އަނާރާގެ މި ފޮތް ރަސްމީކޮށް ނެރެދެއްވީ ނަފްސާނީ ބަލިތަކާއި ބެހޭ ހާއްސަ ޑރ. އައިޝަތު ނާޒް އެވެ.
ޤައުމީ ކުތުބުޙާނާގައި ބޭއްވި ރަސްމިއްޔާތުގައި މިފޮތް ތަޢާރަފްކޮށްދެމުން ޑރ.އަނާރާ ވިދާޅުވީ މިފޮތް ލިޔުއްވުމުގައި ފޮތުގެ ޒަރިއްޔާއިން އަމިއްލަ މައްސަލަތައް ހައްލުކުރުމަށް ގޮތްތަކެއް ކިޔުންތެރިންނަށް ފޯރުކޮށްދިނުމަށް އިސްކަމެއްދެއްވިކަމުގައެވެ. ފޮތް ލިޔުމުގެ މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ލިބުނުކަމުގައާއި ގިނަ ފަރާތްތަކާއި ބައްދަލުކުރެވިގެން މަޝްވަރާގެ މަތިން ނެރެވިފައިފާ ފޮތެއްކަމުގައި ޑރ އަނާރާ ނައީމުގެ ވާހަކަކޮޅުގައި ފާހަގަކުރެއްވިއެވެ.
‘ފިކުރުބޮޑުވުމާއި އެކަމުގެ ހައްލު’ ފޮތުގައި މުޖުތަމައުގެ ކޮންމެ ފަރުދަކަށްވެސް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއްވެއެވެ. އެގޮތުން އޯވާރ ތިންކިންގ ނުވަތަ މާބޮޑަށް ވިސްނުމަކީ ކޮބައިކަމާއި މެދުވެރިވާ ސަބަބުތުގެ އިތުރުން ދީނީ ނަޒަރިއްޔާތަކުން އެކަމަށް ހޯދޭނެ ހައްލު ހިމެނިފައިވެއެވެ. އަދި ޙިޔާލު ކުރުމުގެ އަސްލާއި ފޮތުގައިވާ ވާހަކަތަކުގެ ބޭނުންހިފޭނެ ގޮތް އަންގައިދިނުމަށްޓަކައި ވާހަކައެއްވެސް ހިމަނުއްވާފައިވެއެވެ. މިފޮތުގައި ދީނީ ދަލީލުތަކާއި ފޮތުގައިިވާ މައުލޫމާތުތައް ފަހުމް ކޮށްދިނުމަށްޓަކައި ފޮޓޯއާއި ޑައިގްރަމްތައްވެސް ހިމަނުއްވާފައިވެއެވެ.
މި ފޮތުގެ ނިންމުގައި އުސްތާޒާ ޑރ.އަނާރާ ލިޔުއްވާފައިވާ ޖުމްލައަކާއި އެކަމަނާގެ ހުއްދައާއެކު ނަކަލުކޮށްލަމެވެ. “ވިސްނަންވާ ވަރަށްވުރެ ބޮޑަށް އެއްކަމަކާ ވިސްނުން ނުވަތަ އޯވަރ ތިންކިންގެ ނުރައްކާތެރި މަގަށް މީހާ ހުށަހެޅުމަކީ އިންތިހާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެފަދަ ކަމަކަށްވާތީ، އެ މަގުން ހިނގައި ހަލާކުވާކަށްބުއްދި ސަލާމަތުންހުރި އެކަކުވެސް ނޭދޭނެއެވެ….ދީނީ ނަޒަރިއްޔާތަކުން ބަލާއިރު އަޅުގަނޑުމެންގެ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައި އުފުލަންޖެހޭ ޒިންމާތަކެއް އެބަހުއްޓެވެ.ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަބަދުވެސް އަމިއްލަ ނަފްސަށް އަޅާލައި އަމިއްލަ ނަފްސު ކުރިއަރުވައި އްމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދަދިނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ...ﷲ ހަނދުމަކޮށް ޒިކުރިކޮށް އަޅުކަންކޮށް ދުޢާ ކުރުމަކީވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވާނޭ ކަންކަމެވެ....”
ޑރ.އަނާރާ ނަޢީމްއަކީ ގަޟާއާއި ޝަރުޢީ ސިޔާސަތުގެ ދާއިރާއިން ޕީ އެޗް ޑީ ހާަސިލްކުރައްވާފައިވާ ދިވެހިންގެ އިހްތިރާމް ލިބިގެންވާ އިލްމުވެރިއެކެވެ.
ދިވެހި ރާއްޖޭގައި އިސްލާމީ ކައުންސެލިން ދެއްވުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނީ މައުލޫމާތު ދެއްވުމާއި މީޑިޔާގެ އެކި މަންސަތަކުގެ ޒަރިއްޔާއިން ދިވެހި މުޖުތަމައު ހޭލުންތެރިކޮށް މުޖުތަމައު ބިނާކުރެއްވުމުގެ ގިނަ މަސައްކަތްކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް