ވަޒީފާގެ ބިރު ދައްކައިގެން ވޯޓަށް ނުފޫޒުފޯރުވުން ހުއްޓާލުމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި އެމްއެންޕީގެ ނައިބު ރައީސް ސިދާތާ ޝަރީފް ސަރުކާރަށް ގޮވާލައްވައިފިއެވެ.
އޭނާ މިހެން ގޮވާލެއްވީ ރައްޔިތުންގެ މަޖްލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ޙަންނާން އިދުރީސްގެ ކެމްޕޭނު ކުރުމަށް މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސިދާތާ ވަނީ ސަރުކާރުގެ ފަރާތްތަކުން ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ގޮސް ދައްކާ ވާހަކަ ބަލައި ނުގަތުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އެމްއެންޕީގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ހަންނާނުގެ ގިނަ ޢަދަެއއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވޭނޭ ހަމައެކަނި ކެންޑިޑޭޓަކީ ޙަންނާން ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް 20 އަހަރުވީއިރުވެސް ހައްލެއް ލިބިފައި ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ކޮމަންޑޫ ދާއިރާގެ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ޙަންނާން އިދުރީސް ދެއްކެވި ވާހަކައިގާ ކޮމަންޑޫ ދާއިރާގައި ގެސްޓްހައުސް ވިޔަފާރީ ތަރައްގީ ކުރުމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ބިން ދޫކުރުމަކީ ޙަންނާންގެ ތަސައްވަރެއް ކަމަށް ވަނީ ވިދާޅުވެފައެެވެ. އަދި ދާއިރާގެ ޒުވާނުންނަށް ނަފާ ހޯދުމަށް ފަސޭހަ ގޮތެއްގައި ލޯނު ހަމަޖައްސައިދިނުމަކީ ވެސް ޙަންނާންގެ އެންމެ ބޮޑު ވައުދުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް