އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިމި، އެމްޓީސީސީ އާ ހަވާލުކޮށްފި

އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިމި، އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެކަން ހާމަކުރެއްވީ އެމްޓީސީސީގެ ސީއީއޯ އޭނާގެ ފޭސްބުކް އަދި ޓްވިޓަރ ގައި ކުރެއްވި ޕޯސ...

31 Jan 2022 | 16:40

އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިމި، އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެކަން ހާމަކުރެއްވީ އެމްޓީސީސީގެ ސީއީއޯ އޭނާގެ ފޭސްބުކް އަދި ޓްވިޓަރ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އާޒިމް ވިދާޅުވެފައިވަނީ އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިމި އެމްޓީސީސީ‬⁩ އާ ހަވާލުކޮށްފައިވާ ކަމަށާއި ރަށްރަށުގެ ފެރީ ޓާރމިނަލްތަކުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ.

https://twitter.com/adamazim/status/1488183554844823552

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ.

މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ އާދަމް އާޒިމްއެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ.

އެމްޓީސީސީން، ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުނެގް ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ޕަސްިންޖަރުންގެ ސީޓާއި، ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް ވެސް މިފެރީތަކުގައި ޤާއިމްކުރެވޭނެއެވެ.

ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އެމްޓީސީސީގެ ހައި ސްޕީޑު ފެރީގެ ޓެސްޓު ދަތުރުތައް ފަށާފައިވަނީ 4 އޮކްޓޯބަރ 2021 ގައެވެ.

އެ ފެރީ ލޯންޗު މޫދަށް ބާލާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ބަހާލާފައިވަނީ 6 ޒޯނަކަށެވެ.

ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން، ޓާރމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތުގެ ތެރެއިން ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުން ކަަމށް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް