ބޮޑު މުސާރައަކާއެކު އެމްޓީސީސީ ހުނަވަރު ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމަށް ނިންމައިފިއެވެ.
އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިފަހަރު 140 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވެދިޔަ ޕްރޮގްރާމުތަކުގައި ބައިވެރިންގެ ފަރާތުން ލިބުނީ "ވަރަށް ފިނި" ތަރުހީބެއް ކަމަށާއި އެހެންވެ މިފަހަރުގެ ބައިވެރިންނަށް ދޭ މުސާރަ ވެސް ބޮޑުކުރީ ކަމަށެވެ.
މިފަހަރު ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ބަސް ޑްރައިވަރުންނާއި އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި ކްރޭން އޮޕަރޭޓަރުންނާއި ލޯޑަރ އޮޕަރޭޓަރުން ހިމެނެއެވެ. އަދި ސައިޓް ސްޕަރވައިޒަރުންނާއި ވެލްޑަރުންނާއި މެރިން މެކޭނިކުންނާއި ޓަގް މެކޭނިކުން އަދި ޓިންކަރ ގެ ވަޒީފާތައް ވެސް ހިމެނެއެވެ.
މި ވަޒީފާތަަކަށް ހިވޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ ތަމްރީނު ދިނުމަށްފަހު، ރަނގަޅު ބައިވެރިންނަށް އެމްޓީސީސީން ވަގުތުން ވަޒީފާ ދިނުމަށް ވަނީ ނިންމާފައެެވެ. ތަމްރީނުތައް ކުރިއަށްދާ ތިން މަސް ދުވަހު، މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސެއް ދޭ އިރު، ދާއިމީ ވަޒީފާ ހަމަޖެހުމުން އެންމެ ދަށް ވަޒީފާއަށް ވެސް ތޭރަހާހާއި ސޯޅަ ހާސް ފަސް ސަތޭކަ ރުފިޔާ ލިބޭނެއެވެ.
މި ވަޒީފާތަކުގެ މަގުސަދަކީ ވަޒީފާގެ ބާޒާރަށް ތަޖުރިބާ ލިބިފައިވާ މަަސައްކަތްތެރިން ބިނާ ކުރުމާއި ހެވީ ވެހިކަލް އޮޕަރޭޓަރުން ބިނާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން އުފެއްދުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ތަމްރީނުވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.
މީގެ އިތުރުން މި ދާއިރާތަކަށް އަންހެނުންނަށް ފުރުސަތު ދިނުމާއެކު އަންހެނުން ޓެކްނިކަލް ދާއިރާތަކަށް ތަމްރީނު ކުރުވުމާއި ދިވެހީންނަށް ވަޒީފާގެ ފުރުސަތު ރާއްޖޭގެ އެކި ސަރަހައްދުން ހޯދައިދިނުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް