އިސްރާއީލްގެ ރައީސް އިސްހާގު ހާޒޮކް ޔޫއޭއީއަށް ކުރަމުން ގެންދަވާ ރަސްމީ ދަތުރާއި ދިމާކޮށް ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީން އެ ގައުމަށް އަމާޒުކޮށް ދޭން މަސައްކަތް ކުރި މިސައިލް ހަމަލާތައް ނާކާމިޔާބު ކޮށްލައިފި އެވެ.
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހޫތީން ސައުދީ އަރަބިއްޔާ އާއި ޔުއޭއީއަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އަދި މި ހަމަލާތަކުގައި އާންމުން ޒަހަމްވާ އަދަދު ދަނީ އިތުރު ވަމުންނެވެ.
ޔޫއޭއީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ހޫތީން އެ ގައުމަށް އަމާޒުކޮށް ފޮނުވި ބެލިސްޓިކް މިސައިލް ވައްޓާލީ މީހުން ނޫޅޭ ސަރަހައްދަކަށް ކަމަށެވެ. އެ ހަމަލާ އެ ޖަމާއަތުން އަމާޒު ކުރީ ވެރިރަށް އަބޫ ދާބީއަށް ނުވަތަ ދުބާއީއަށް ކަމެއް ޔޫއޭއީ ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޓުވިޓާގައި ބުނެފައިވަނީ ޔޫއޭއީގެ ވަރަށް އެތެރޭގެ ސަރަހައްދުތަކަށް އެ ޖަމާއަތުން ހަމަލާތަކެއް ނިންމައި ވަރަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާނެ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
ހޫތީންގެ ހަމަލާތައް އަރަބި ކޯލިޝަންގެ ގައުމުތަކަށް އިތުރުވެފައި މިވަނީ އެ ކޯލިޝަނުން ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.
ޔޫއޭއީން ތުހުމަތު ކުރާ ގޮތުގައި މި އޮޕަރޭޝަނަކީ އިސްރާއީލްގެ ރައީސް އެ ގައުމަށް ދިއުމާއި ދިމާކޮށް ފަށާ އޮޕަރޭޝަނެކެވެ. މިއީ މުސްލިމުންނަށް އަދާވާތްތެރި އިސްރާއިލްގެ ރައީސަކު އެ ގައުމަށް ކުރާ ފުރަތަމަ ދަތުރެވެ.
ސައުދީ އިސްވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ބުނަމުން ދަނީ ހޫތީންނަށް ހަތިޔާރާއި ބާރު ލިބިފައިވަނީ އެ ޖަމާއަތަށް އިރާނުން ވާކިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެވެ. އަދި އެ ޖަމާއަތުގެ ހަމަލާތައް އަމާޒު ކުރަނީ އިރާން އަޑީގައި އޮވެ އެ ގައުމުގެ އިރުޝާދާއި އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް