ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީޢަތް ދަޢުލަތުން އެދިގެން މިއަދު ކެންސަލްކޮށްފިއެވެ.
އެގޮތުން މި ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 09:00 އަށެވެ. ނަމަވެސް، އަޑުއެހުން ކެންސަލްކުރީ ދައުލަތުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެންނެވެ.
މި މައްސަލައިގެ އަޑުއެހުން ކޯޓުގައި އެންމެފަހުން ބޭއްވި ދުވަހު ދައުލަތުން ވަނީ ޝިޔާމަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.
އަދި ޝިޔާމްގެ ފަރާތުން ވަނީ މި ދައުވާތަކުން ބަރީއަވުމަށްޓަކައި ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ވަގުތަށް އެދުމުން، ގާޒީ ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. މީގެ އިތުރުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ކޯޓަށް ހުށަހަޅަން 15 ދުވަސް ދީފައިވެއެވެ.
ޝިޔާމަށް ދައުވާ ކުރަނީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައިގައެވެ.
މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް