އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު،241 ކޮމިޓީއަށް ހުށަހަޅުއްވައިފި އެވެ.
ނަޝީދު ވަނީ އެކަން ފާހަގަ ކުރައްވާ އެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ނަޝީދުގެ ސިޓީގައި ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަދި ވިދާޅުވީ އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް ދިރިއުޅެމުން އަންނަ ގައުމަކަށްވާ އިރު އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު އެދިވަޑައިގެންފައި އޮތީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މައްސަލަ ބައްލަވައި ދެއްވުމަށެވެ.
މި ސިޓީ އާއި ގުޅިގެން241 ކޮމިޓީގެ މުގައްރިރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ މަހު މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއި އެކު ކޮމިޓީން އެ މައްސަލަ ބަލަން ފަށާނެ ކަމަށެވެ.
އިދިކޮޅުގެ ކެމްޕެއިން ފުޅާކޮށް، އަތޮޅު ތެރެއަށްވެސް ދަތުރު ކުރަން ފަށާފައިވާއިރު ރައީސް ޔާމީން ވިދާޅުވީ ކެމްޕެއިން ހުއްޓުވޭނެ އެއްވެސް ގާނޫނީ ބާރެއް ނެތް ކަމަށެވެ.
އެހެން ބުނެފައިވަނީކޮށް ސަރުކާރު މެމްބަރުން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕެއިން ގާނޫނެއްގެ ތެރެއިން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. އެ ބިލުގައި އޮތީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ހަރަކާތްތައް ހިންގުން މަނާކޮށް، އަދަބެއްގެ ގޮތުން ޖޫރިމަނާކޮށް ޖަލު އަދަބު ދެވޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް