2 ކޮމަންޑޫ ގުޅާލަން ބިން ހިއްކަން ފަށައިިިފި

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރިީ އޮންނަ މަތި ކޮމަންޑޫ ގުޅާލުމަށް ބިން ހިންގުމުގެ މަސައްކަތް ރޭ ފަށައިފި އެވެ. އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެމްޓީ...

31 Jan 2022 | 06:48

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރިީ އޮންނަ މަތި ކޮމަންޑޫ ގުޅާލުމަށް ބިން ހިންގުމުގެ މަސައްކަތް ރޭ ފަށައިފި އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމްޓީސީސީން ބުނީ މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ލިބުމާއިއެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް ފަށައިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ.

އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެމްޓީސީސީން ބުނެއެވެ.

މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށިފައިވާއިރު އެ ރަށް ހިމެނޭ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އަންނަނީ ވަގުތު ކުޑަތަންވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓު ހެދުން ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް