މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށަނީ

މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާނެކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ ‏ށ. މަ...

30 Jan 2022 | 19:06

މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާނެކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ‏ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ލިބުމާއިއެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެމްޓީސީސީން ބުނެއެވެ.

މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް