އިންޑިއާ ކަނޑުގައި ހަދާ އެންމެ ބޮޑު ރިސޯޓު އެމެރިކާ ޑްރީމް ހޮޓެލް ގްރޫޕުން ރާއްޖޭގައި ހަދަން ނިންމައިފި އެވެ.
އެ ކުންފުނިން ހަދަން ނިންމާފައިވާ ރިސޯޓުތަކަށް ކިޔަނީ ޗަޓުވަލް މާގަ މޯލްޑިވްސްއާއި، ޑްރީމް ގަސްވެލި މޯލްޑިވްސް އެވެ. އޭގެ ތެރެއިން އިންޑިއާ ކަނޑުގައި ހަދާ އެންމެ ބޮޑު ރިސޯޓު ހަދަނީ މ. އަތޮޅުގައި އެވެ. އެއީ އެ އަތޮޅުގެ ތިން ރަށެއްގައި އެވެ.
މ. އަތޮޅުގައި ތަރައްގީ ކުރާ ރީމް ގަސްވެލި މޯލްޑިވްސްގައި 500 އަށްވުރެ ގިނަ ވިލާ އާއި 20،000 އަކަ ފޫޓުގެ ބޮޑު ވެލްނެސް ކްލަބަކާއި ޑިޒައިނާ ބްރޭންޑުތަކުގެ އެކްސްކްލޫސިވް ޑިއުޓީ ފްރީ ޝޮޕިންގެ އިތުރުން އަށް ރެސްޓޯރަންޓު ހުންނާނެ އެވެ. އެ ގްރޫޕުން ތަރައްގީކުރާ ދަ ޗަޓުވަލް މާގަ މޯލްޑިވްސް ރިސޯޓުގައި 80 ލަގްޒަރީ ވިލާ، ހަ ޕްރައިވެޓް ބީޗު ވިލާ އަދި ދެ ޕްރެޒިޑެންޝަލް ވިލާގެ އިތުރުން ތިން ރެސްޓޯރަންޓް ހުންނާނެއެވެ.
މި މަސައްކަތް ޑްރީމް ހޮޓެލް ގްރޫޕުން ކުރަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ އަލްފާ ކިނަމް ހޯލްޑިންގްސް އާއި ގުޅިގެންނެވެ.
މި ދެ ރިސޯޓުގެ ތެރެއިން ދަ ޗަޓްވަލް މާގަ މޯލްޑިވްސް ހުޅުވަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު އެވެ. މ. އަތޮޅުގައި ތަރައްގީ ކުރާ ޑްރީމް ގަސްވެލި މޯލްޑިވްސް ހުޅުވަން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރު އެވެ.
ޑްރީމް ހޮޓެލް ގްރޫޕުން ވިއެޓްނާމުގައި ހަތަރު ރިސޯޓެއް ހިންގައެވެ. އަދި ތައިލެންޑުގައި ގިނަ ހޮޓާ ތަކެއް ހިންގައެވެ. އެކުންފުނިން ބުނީ ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ 150 އަށް ވުރެ ގިނަ ހޮޓެލް އަދި ރިސޯޓު ހުޅުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް