ހުޅުމާލޭ ފްލެޓަކުން ވައްކަންކޮށްގެން އެތަކެތި ހިފައިގެން އައިސް ނިދާފައި އޮތް މީހަކު ތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
2015 ޖެނުއަރީ 29 ވަނަ ދުވަހު 09:15 ހާއިރު އާއްމު ފަރާތަކުން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ދިން މައުލޫމާތެއްގެ އަލީގައި ހުޅުމާލެ ފްލެޓަކަށްގޮސް އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެފްލެޓުގެ ސިޓިންގ ރޫމްގެ ސޯފާއެއްގައި ނިދާފައި އޮއްވާ ކަމަށާއި ވަގަށް ނެގިކަމަށް ބެލެވޭ ތަކެތިވެސް އޭރު އެމީހާއޮތް ސޯފާ ކައިރީގައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ވަގަށްނަގާފައިކަމަށް ބެލެވޭ PS3 އަކާއި ދެ ޖޮއިސްޓިކާއި، ޕަވަރ ކޭބަލްއާއި އަކްބަރު ސައިފަތް ފޮށްޓެއް އެގެއިން ފުލުހުން ހޯދާފައިވާކަމަށެވެ.
އަދި މިމައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަ ފަހަރަށް އަދި ޑިއުޓީގައި ހުރި ފުލުހަކަށް ގަސްތުގައި އަނިޔާކުރި މައްސަލައެއްގައި އެއްފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް