އަޅުންގެ ގޮތުގައި ގެންގުޅުނު 200 އަށްވުރެ ގިނަ ކުޑަކުދިން، އިންޑިއާ ފުލުހުން ސަލާމަތް ކޮށްފި

އިންޑިއާ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، އަޅުންގެ ގޮތުގައި ގެންގުޅެމުންދިޔަ 100 އަށްވުރެ ގިނަ ކުދިން ސަލާމަތް ކޮށްފައިވާކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ. ފުލުހުން އިއްޔެ ބުނެފަ...

31 Jan 2015 | 01:48

އިންޑިއާ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، އަޅުންގެ ގޮތުގައި ގެންގުޅެމުންދިޔަ 100 އަށްވުރެ ގިނަ ކުދިން ސަލާމަތް ކޮށްފައިވާކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެކު ޖުމްލަ 220 ކުދިން ސަލާމަތް ކުރެވުނު ކަމަށާއި ސަލާމަތް ކުރި ކުދިންގެ ތެރޭގައި އުމުރުން އެންމެ ހަ އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އެ ކުދިންގެ ތެރޭގައި އެކި އެކި ބަލި ޖެހިފައިތިބި ކުދިން ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"އެ ކުދިން ގެންގުޅެމުންދިޔައީ ވޯކްޝޮޕްތަކުގަ މަސައްކަތްކުރަން، އެކުދިންގެ ތެރޭގައި ހަމުގެ ބަލިތަކާ އެހެނިހެން ބަލި ބަލި ހުރި ކުދިން ހިމެނޭ، އެ ކުދިން ނިންދަމުން ދަނީވެސް ވައި ބަންދު އަދި ނުރައްކާތެރި ގޭހުގެ އަސަރުވެސް ހުންނަ ބަންދު ކޮޓަރިތަކުގައި" އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު އާބާދުގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ވ.ސަތްޔަނާރާޔަނަ ވިދާޅުވި އެވެ.

އެ ކުދިންނާ ހަވާލާދީ އިންޑިއާ ފުލުހުން ބުނެފައިވަނީ އެ ކުދިން ލައްވާ ދުވާލަކު 16 ގަޑިއިރު މަސައްކަތް ކުރުވާކަމަށެވެ. އަދި އެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ 80 ޑޮލަރާއި 160 ޑޮލަރާ ދެމެދުގެ އަގަކަށް އެ ކުދިންގެ އުފަން މަންމައިންނާއި ބައްޕައިން ވިއްކާލާފައި ތިބި ކުދިން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިންޑިއާ ފުލުހުން އިތުރަށް ބުނެފައިވަނީ އެ އޮޕަރޭޝަނަކީ ނިމިދިޔަ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިޔަ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި ކުޑަކުދިން ގަނެ ވިއްކާ ބައެއް ފަރާތްތަކާއި ކުޑަކުދިން ލައްވާ މަސައްކަތްކުރުވާ ވޯކްޝޮޕްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް