ކޮވިޑަށްފަހު ރާއްޖެއިން އިގްތިޞާދު ކޮޅަށްޖެހި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ ވެރިން ސުވާލު ކުރޭ: އަބްދުﷲ ޝާހިދު

ކޮވިޑް 19ގެ އާލަމީ ވަބާ ރާއްޖެއާ ކުރިމަތިވުމުގެ ސަބަބުން އަޑިއަޅާލި ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖެހުމުން ރާއްޖެއިން އެކަމުގައި ހޯދި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ވިދާޅުވަމު...

14 Jan 2023 | 19:19

ކޮވިޑް 19ގެ އާލަމީ ވަބާ ރާއްޖެއާ ކުރިމަތިވުމުގެ ސަބަބުން އަޑިއަޅާލި ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖެހުމުން ރާއްޖެއިން އެކަމުގައި ހޯދި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ވިދާޅުވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑް 19 ގެ އާލަމީ ވަބާ ރާއްޖެ އަށް ކުރިމަތިވުމާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވި ބަސްފުޅު އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.

ދިވެހިން ބަނޑަށް ޖެހިޔަ ނުދީ އަސާސީ ބޭސްފަރުވާ ލިބޭނެ ގޮތަށް އެ ވަބާއިން ސަލާމަތްވާނެ ގޮތް ގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ޞާލިހް ވިދާޅުވި ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި، ބަނގުރޫޓުވަނީ، ބަނޑަށް ޖެހެނީ ގޮވި އިރުވެސް ސާބިތުކަމާއެކީގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމަން މަނިކުފާނު ހުންނެވި އޮޑި ފަރަކަށް ނާރާނެއޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިގޮތުން ދިމާވި އިޤުތިޞާދީ ހާލަތްތަކުން ރާއްޖެ ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަކަށް ގެނެވުނީ، ރައީސްގެ ހިތްޕުޅުގައި ރައްޔިތުންނާއިމެދު އޮތް ވަރުގަދަ ލޯތްބަކުން ކަން ފާހަގަ ކުރައްވާ މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12 ޕަސެންޓު ކުރިއަރާނެ ކަމަށް ވޯލްޑްބޭންކުން ބުނެފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން އަޑިއަޅާލި ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމުން ރާއްޖެއިން އެކަމުގައި ހޯދި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ސުވާލުކުރައްވަމުން ގެންދަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް