އިންޑިއާއަކީ އަބަދުވެސް ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމަށް އެއްބާރުލުން ދޭނެ ގައުމެއް ކަމަށާއިި، އިންޑިއާއިން ރާއްޖޭގެ ވެރިކަން ވައްްޓާލުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
އެމެރިކާގެ މައްޝޫރު ނޫސް، ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު އާއި ދެކޮޅަށް ރޭވުމެއް ރޭވިކަމުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށާއި އެ ރިޕޯޓު އެމަނިކުފާނުވެސް ސައުގުވެރިކަމާއިއެކު ވިދާޅުވެފައިވާކަމަށެވެ.
އަދި މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް މީހުން އަބަދުވެސް މަސައްކަތް ކުރަނީ ދެކޮޅުވެރިކަމުގެ ރޭވުންތައް ރާވައި އެކަންކަން ހާސިލް ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ވެރިއަކު މަގާމުން ދުރު ކުރުމަށް ނުވަތަ ވެރިކަން ވައްޓާލަން އިންޑިއާއިން މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުން ދޭ ކަމަށާއި އިންޑިއާ އިން ދުވަހަކުވެސް ރާއްޖެއިން ކަންކުރަންވީ ގޮތް އަންގާފައި ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެ ނޫހުން ޝާއިއުކޮށްފައިވާ އެ ރިޕޯޓުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ހަ މިލިއަން ޑޮލަރު ކަނޑައަޅައި، އެ ފައިސާ ހޯދުމަށް އިންޑިއާއިން އެހީ ހޯދަން ރާވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް