ޤައުމީ އެއާލައިން، މޯލްޑިވިއަންއަށް ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް އެއާ ޝޯއެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މިއަދު މޯލްޑިވިއަންއިން ބުނެފައިވަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާކިޔުމިގެ ގޮތުން އަންނަ ހޯމަދުވަހު މާލެއާއި ހުޅުމާލޭގައި އެއާ ޝޯއެއް ކުރިއަށްދާނެކަމަށެވެ.
މި އެއާ ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ ހަވީރު 05:00 އިން 05:30 އަށެވެ. މި އެއާ ޝޯ މާލޭގައި ނަމަ އުސްފަސްގަނޑުގައި ތިބެގެން އަދި ހުޅުމާލޭގައި ނަމަ އިރުމަތީ ފަރާތު އަތިރިމަތީގައި ތިބެގެން ބަލައިލެވޭނެކަމުގައި މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ފްލައިޓް ގެނައުމަށް ތައްޔާރުވަމުން އަންނައިރު އެ އެއާލައިނުން ވަނީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލްތައްވެސް އަންނަ އަހަރުގެ ތެރޭގައި ޗައިނާ އަދި ޔޫރަޕްގެ މަންޒިލްތަކަށް ފުޅާކުރަން ނިންމާފައެވެ.
އެގޮތުން ޗައިނާގެ ތިން ސިޓީއަކަށާއި ސައުތު އެފްރިކާގެ ޖޮގެނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއަކަށް ދަތުރުކުރުމަށް ތައްޔާރުވަމުން އަންނަކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި މަސްތެރޭގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް