ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިންޑީއާއިން ފައިނޭންސް ކޮށްގެން ގެންނަން އުޅުނުކަމަށްބުނާ ބަޣާވާތެއްގެ ތަފްސީލު ވޮޝިންޓަން ޕޯސްޓުން ގެނެސްދީފިއެވެ.
އެގޮތުން ވޮޝިންޓަން ޕޯސްޓުން މިއަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމާއި ހަމައިން އިންޑިއާގެ ރިސާޗް އެންޑް އެންޑް އެނާލަސިސް ވިންގް (RAW) އިން ރާއްޖޭގެ ސިޔާސީ އިދިކޮޅު ލީޑަރުންނާއިއެކު މަޝްވަރާތަކެއް ފެށި ކަމަށާއި އެ މަޝްވަރާތަކުގެ މަގްސަދަކަށް އޮތީ ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ހޯދާފައިވާ އިންޓާނަލް ޑޮކިއުމެންޓަކާ ހަވާލާދީ ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން އެކަމަށް ޕްލޭނެއް އެކުލަވާލައި އިންޑިއާއާ ހިއްސާކުރި ކަމަށެވެ.
އެ ޕްލޭންގައި ހިމެނެނީ ރައީސް މުއިއްޒަށް އޭރު ތާއީދުކުރާ މަޖިލިސް 40 މެންބަރަކަށް ރިޝްވަތު ދީ ގަނެލުމަށް ބޭނުންވާ ފައިސާއާއި ދިވެހި އަސްކަރިއްޔާގެ އިސް 10 މީހަކަށް ރިޝްވަތު ދީ ގަނެލުމަށް ބޭނުންވާ ފައިސާއާއި އަދި މާލޭގެ ތިން ގޭންގަކަށް ދޭނެ ފައިސާގެ އެހީތެރިކަން އިންޑިއާއިން ހޯދުމެވެ. އެގޮތުން ހަ މިލިޔަން ޑޮލަރު (87 މިލިޔަން ރުފިޔާ) އިންޑިއާއިން ހޯދާގޮތަށް އެ ރޭވުން އެކުލަވާލި ކަމަށް ވޮޝިންޓަން ޕޯސްޓުން ހޯދާފައިވާ ޑޮކިއުމަންޓާއި ހަވާލާދީ ބުނެފައިވެއެވެ.
"އެތައް ދުވަހެއްވަންދެން އެ ޕްލޭނަށް ކުރެވުނު މަޝްވަރާގައި މަޖިލިސް ތެރޭން ވޯޓު ހޯދަން އެކަން ރޭވި ފަރާތްތަކަށް އުނދަގޫވީ" ވޮޝިންޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖެ އަދި އިންޑިއާ ހިމެނޭހެން ބައެއް އިސް އޮފިޝަލުން ވޮޝިންޓަން ޕޯސްޓްގެ އެ ރިޕޯޓަށް، މަސްދަރު ސިއްރުކޮށް މައުލޫމާތުދެމުން ބުނެފައިވަނީ ރައީސް ޔާމީންގެ ދައުރުން ފެށިގެން ޗައިނާއިން ޕީޕީއެމްއަށް ފަހިވާނެހެން ކަންކަން ކުރާތީ އިންޑިއާއިން އެމްޑީޕީ ޚިޔާރު ކުރި ކަމަށާއި އެމްޑީޕީގެ ލީޑަރުން ކަނޑައެޅުމާއި އިންތިހާބުތަކަށް ކެނޑިޑޭޓުން ކަނޑައެޅުންފަދަ ކަންކަމުގައިވެސް އިންޑިއާއިން ނުފޫޒު ފޯރުވާކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ރައީސް މުއިއްޒު ރައީސްކަމާއި ހަވާލުވިތަނާހެން ވޮޝިންޓަނުގައި ހުންނަ ނިއުދިއްލީގެ އެމްބަސީގެ ސީނިއަރ RAW އިންޓެލިޖެންސް އޮފިސަރަކު ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށި ކަމަށާއި އެކަމުގައި އޭނާ މަޝްވަރާކުރީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އަދި ވިޔަފާރީގެ ގޮތުންވެސް ރާއްޖެއާއި ގުޅުންއޮންނަ ދެމީހަކާ ކަމަށެވެ.
އެކަކީ ޝިރީސް ތޯރާތު ކަމަށާއި އޭނާއަކީ އިންޑިއާގެ ކުރީގެ ޕޮލިސް އޮފިސަރެއް ކަމަށާއި އަދި ޕްރައިވެޓް މިލިޓަރީ ކޮންޓްރެކްޓާއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ތޯރާތަކީ ރާއްޖޭގައި އިސްލާމިސްޓް ރެޑިކަލައިޒޭޝަން ކޮންޓްރޯލް ކުރުމަށް ރައީސް ނަޝީދަށް ލަފާއެރުވުމުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްފައިވެއެވެ.
ދެވަނަ މީހަކީ ސާވިއޯ ރޮޑްރިގޭޒް ނަމަކަށް ކިޔާ މީހެކެވެ. އިންޑިއާގެ ގޯއާގައި ދިރިއުޅެމުން އަންނަ ރޮޑްރިގޭޒްއަކީ އިންޑިއާގެ ބީޖޭޕީގެ ކުރީގެ ތަރުޖަމާނުކަން ފާހަގަކޮށްފައިވެއެވެ.
ރައީސް މުއިއްޒުގެ އާއިލީ އެޑްވައިޒަރަކު ވޮޝިންޓަން ޕޯސްޓަށް އެ މަޝްވަރާތަކުގެ ކޯލްތަކާއި ބައްދަލުވުންތަކުގެ ސަވައިލަންސް ރެކޯޑްތައް ހިއްސާކޮށްފައިވާއިރު އެ ދެމީހުންނާ ވޮޝިންޓަން ޕޯސްޓުން ގުޅުމުން އެ ރޭވުންތައް ދޮގުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ދެމީހުން މަސައްކަތް ކުރަނީ އިންޑިއާގެ ސަރުކާރާ ގުޅިގެންކަމަށް އެ ދެ މީހުން އެއްބަސްވެފައިނުވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް