މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ "މަދިރިން ރައްކާ" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ ހަރަކާތެއް މިއަދު ވަނީ ފަށާފައެވެ.
އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވިރިވި މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކައިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ހަރަކާތް ފެއްޓެވުމުގެ ގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް ބައިވެރިވިއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި، ކަރެކްޝަނަލް ސާވިސް އާއި، އިމިގްރޭޝަން އާއި، ޑީއެންއާރ އާއި އެމްޑަބްލިއުއެސްއީ ވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.
ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އާބަންކޯ އިން ބުންޏެވެ. އާބަންކޯ އިން ބުނީ ގިނަ ބައެއްގެ އެއްބާރުލުމާ އެކު ކުރިއަށްދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ގައެވެ.
ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދެއެވެ. މީގެ އިތުރުން މަދިރި އާލާވާފަދަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް