ޓްރޭޑްކުރުމާ ބެހޭ ގާނޫނެއް ނެތުމަކީ އެކަން ކުރާ ބަޔަކު ކުށްވެރިވާން ޖެހޭ ކަމެއް ނޫން: އަލްހާން

އޮންލައިން ފޮރެކްސް ޓްރޭޑް ކުރުމާއި ބެހޭ ގާނޫނީ އޮނިގަނޑެއް ނެތުމަކީ އެކަން ކުރާ ބަޔަކު ކުށްވެރިވާން ޖެހޭ ކަމެއް ނޫން ކަމަށް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ. އަލްހާން ވިދާޅުވީ ޓްރޭޑް ކުރުމަކީ އޭނާއަށ...

30 Dec 2023 | 07:44

އޮންލައިން ފޮރެކްސް ޓްރޭޑް ކުރުމާއި ބެހޭ ގާނޫނީ އޮނިގަނޑެއް ނެތުމަކީ އެކަން ކުރާ ބަޔަކު ކުށްވެރިވާން ޖެހޭ ކަމެއް ނޫން ކަމަށް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވީ ޓްރޭޑް ކުރުމަކީ އޭނާއަށް ކުރެވޭ ކަމެއް ކަމަށާއި އެ މަސައްކަތް ފެށީ އެކަމުގައި ބައިވެރިވާ މީހުންނަށްވެސް މަންފާ ލިބޭ ގޮތަށް ކަމަށެވެ. އެ މަސައްކަތް ފުޅާކޮށް ވިޔަފާރިއަކަށް ހެދިރިއު، ސެންޓްރަލް ބޭންކާ ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ޢަމަލުކުރި ގޮތުން އެ މަސައްކަތް ހުއްޓުމަކަށް އައިސް ފަސްދޮޅަހަކަށް މިލިއަން ރުފިޔާ ގެއްލުނު ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އެ ލާރި ގެއްލުމުން، އެކަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް އޭނާގެ ކުންފުނި ދަރަނިވެރިވުމުން، އަލްހާން އާއި އަލްހާންގެ ދެ ކޮއްކޮ އެއްގެ މައްޗަށް މަކަރާ ހީލަތުން މީހުން އަތުން ފައިސާ ނަގާކަމަށް ތުހުމަތުކޮށް ދަޢުވާ ކުރަމުންދާ ދިއުމަކީ ވަރަށް ހިތާމާކުރާ ކަމެއް ކަމަށެވެ.

"ކުށެއް ކުރުމުގެ އެއްވެސް ނިޔަތެއް ނެތި ދެފަރާތުން ލިޔެ އެއްބަސްވެ، ކުރި މަދަނީ ވިޔަފާރީގެ މުޢާމަލާތެއް، ކުށަކަށް ހަދައިގެން ޙަޤީޤަތާ ޚިލާފު ތަސައްވުރެއް އުފައްދާ، އެކުރާ ދަޢްވާ އަކީ އިންސާފުވެރި ޝަރީޢަތަކުން ބަލައިގަންނާނެ ދަޢުވާއެއް ކަމަކަށް އަޅުގަނޑު ނުދެކެން! އެ ދަޢުވާއަށް ކަނޑައެޅިގެން އިންކާރު ކުރަން!" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލްހާން ލިޔުއްވާފައިވެއެވެ.

އަލްހާން މިފަދައިން ވިދާޅުވެފައިވާއިރު، މި މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ކިންގްސް ކެޕިޓަލްގެ ޕޮންޒީ ސްކީމަށް ފައިސާ އިންވެސްޓްކުރި ތިން މީހަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެ ކުންފުނިން 2021 އަދި 2022 ވަނަ އަހަރުގެ ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އިންވެސްޓްމެންޓްގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާ އަނބުރާ ދީފައި ނުވާއިރު، މި ސްކޭމްގައި ގެއްލުން ލިބުނު މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް