މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ފެށި މި ކެމްޕޭން ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.
އަރބަންކޯއިން އިއްޔެ ބުނެފައިވާގޮތުގައި މި ކެމްޕޭންގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ވަނީހަމަޖެހިފައެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭޒް އެކެއް އަދި ފޭޒް ދޭއްގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ. ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.
މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އަރބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނި ކުރަމުންނެވެ. އެގޮތުން މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއް އަރބަންކޯއިން ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން އެ ކޯޕަރޭޝަނުގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އަރބަންކޯއިން ފާހަގަކުރެއެވެ.
މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
އަރބަންކޯއިން ބުނެފައިވާގޮތުގައި ވީހާވެސް ގިނަ ފަރާތްތަކުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ އެ މިކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަ ބަލި މަޑުކަމަކުން އަރައި ގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަމާއި މީގެ އިތުރުން މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއްކަމާއި މިފަދަހަރަކާތްތަކުގެ ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން އަރބަންކޯއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް