ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޕިކަޕް ޕޮއިންޓަށް ކުނި އެއްކުރާ މަންޒަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ޕިކަޕް ޕޮއިންޓަކަށް ކުނި އެއްކުރާ މަންޒަރު ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ. އެ ކުންފުނިން މިހެން ބުނީ މާލޭ ސިޓީ ކައ...

30 Dec 2022 | 18:49

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ޕިކަޕް ޕޮއިންޓަކަށް ކުނި އެއްކުރާ މަންޒަރު ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ މާލޭ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން މިއަދު އާންމު ކުރެއްވި ސީސީޓިވީ ފުޓޭޖެއްގައި ފެންނަމަންޒަރަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަނިކޮށެވެ.

އެ ވީޑިއޯގައި ފެންނަނީ ވެމްކޯގެ މުވައްޒަފަކު ޑަސްބިން ތަކެއްގައި ކުނިތަކެއް ހިފައިގެން ގޮސް މަގެއްގެ ކަންމަތީގައި ހުންނަ އެހެން ކުނިތަކެއްގެ ތެރެއަށް ޑަސްބިނުގައި ހުންނަ ކުނި ކޮތަޅުތައް އަޅާ މަންޒަރެވެ. ސިޓީ ކައުންސިލް މެމްބަރުން ވިދާޅުވީ އެއީ އެ ކައުންސިލް ފެއިލްވެފައިވާ ކަމަށް ދެއްކުމަށް ވެމްކޯއިން ކުރި ކަމެއް ކަމަށެވެ.

ވެމްކޯއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެއީ މަގުމައްޗަށް ކުނި އަޅާނީ ނޫން ކަމަށެވެ. އެއީ ޕިކަޕް ކުނި ނަގަން އަންނަ ޕިކަޕް ޕޮއިންޓް ކައިރިއަށް ކުނި އެއްކުރަނީ ކަމަށެވެ.

އެ ކުންފުނިން ވަނީ މިފަދަ ދޮގު މައުލޫމާތު އާންމުންގެ މެދުގައި ނުފެތުރުމަށް އިލްތިމާސް ކޮށްފައި އެވެ.

https://twitter.com/WAMCOmv/status/1608819411523366913

މާލޭ މަގުތކާއި ޕާކު އަދި މައިޒާންތައް ކުނިކަހައި ސާފު ކުރަން ވެމްކޯ އާއި ސިޓީ ކައުންސިލާއި ދެމެދުހ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިމަހުގެ 25 ގައި އެވެ. 26 ވަނަ ދުވަހުން ފެށިގެން އެ މަސައްކަތާއި ސިޓީ ކައުންސިލް ހަވާޅުވި ފަހުން ބައި މީހުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުން ނުހުއްޓެވެ.

ސިޓީ ކައުންސިލުން ބުނަމުން ދަނީ ވެމްކޯއިން ގޭގެއިން މަގުމައްޗަށް ނެރޭ ކުނި ނުގެންގޮސް ގިނަ ކުރުމުގެ ސަބަބުން މަގުތައް ގޮނޑުވެފައިވާ ކަމަށެވެ. ވެމްކޯއިން ރައްދުދީ ބުނެފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުން މަގުމައްޗަށް ކުނި ނުނެރޭނެ ކަމަށާއި މަގުމަތީގައި ހުންނަ ކުނި އެއްބެސްވުމެއްގެ ދަށުން ހަވާލު ކުރުމުން ނޫނީ ނުނަގާނެ ކަމަށެވެ.

އެކަމަކު މަގުމަތީގައި ކުނި ގިނަވެ އާންމުންގެ ޝަކުވާ ބޮޑުވުމުން ވެމްކޯއިން މިއަދު ވަނީ މަގުތަކުން ކުނިތައް ނަގައި ސާފު ކުރަން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް