އޯވަރ ރިއެކްޓް ކުރުމަކީ ވެސް ގޯހެއް ކަމަށާއި ބައެއްފަހަރު އޯވަރ ރިއެކްޓްވީމާ ކެބިނެޓް އެއްކޮށް އިސްތިއުފާދީ އުޅޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މި ވަނީ މި ފެށޭ މަހު 28 ގައި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުންދާ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޕްރައިމަރީގައި ދެވަނަޔަށް ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރިއެކްޓް ކުރާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވާތީ އޭގެ ރައްދުގައެވެ.
ޒައިދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އޯވަރ ރިއެކްޓް ކުރުމަކީ ވެސް ގޯހެއް ކަމަށާއި ބައެއްފަހަރު އޯވަރ ރިއެކްޓްވީމާ ކެބިނެޓް އެއްކޮށް އިސްތިއުފާދީ އުޅޭ ކަމަށެވެ.
އަދި ދެ މީހަކު އެއްވެލާފައި އަޑުގަދަކޮށްލާއިރަށް ވެރިކަމުން އިސްތިއުފާ ދީފައި ފައިބާ ބޭފުޅުންވެސް އުޅޭ ކަމަށާއި، މަގުމައްޗަށް ގަދަ ކޮންމެ މީހަކީ އަދި ވެރިކަން ކުރެވޭނެ މީހެއް ނޫންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ.
ޒައިދުގެ ޓްވީޓްގައި އިޝާރަތްކޮށްފައިވާ ކެބިނެޓު އެއްކޮށް އިސްތިއުފާދިން ވާހަކައަކީ ނަޝީދުގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ކެބިނެޓު އެއްކޮށް އިސްތިއުފާދެއްވި ދުވަހުގެ ވާހަކައެވެ. ދެމީހަކު އެއްވެލާއިރަށް ވެރިކަމުން އިސްތިއުފާދީފައި ފައިބާ ބޭފުޅުން އުޅޭކަމަށް އިޝާރަތްކޮށްފައި އެވަނީ ރައީސް ނަޝީދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް