ވެރިކަމުގައި ރައީސް ސޯލިހު ނޫން އެހެން ބޭފުޅެއް ހުރި ނަމަ މިހާރު ނަޝީދު ޖަލަށް ލާފާނެ: މާރިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވަރަށް ފާޑުވިދާޅުވާ އިރު، ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ މިހާރު ނަޝީދު ޖަލަށް ލައްވާނެ ކަމަށް ޑި...

30 Dec 2022 | 09:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވަރަށް ފާޑުވިދާޅުވާ އިރު، ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ މިހާރު ނަޝީދު ޖަލަށް ލައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެންވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ހޯދަން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަ ވަމުންނެވެ.

އެގޮތުން މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ފުރަތަމަ ވެއްޓުނު ހިސާބުން ފެށިގެން 2018 ގައި އަލުން ވެރިކަމަށް އައުމާ ހަމައަށް އެޕާޓީގެ މެމްބަރުން އުޅެން ޖެހުނީ މަގުމަތީގައިކަމަށެވެ. އަދި ގޮވަން ޖެހުނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ކަމަށެވެ.

އެގޮތުން މިއަދު ވެސް އެމްޑީޕީ އަތުން ވެރިކަން ގެއްލިގެން ހިނގައްޖެނަމަ ގޮވަން ޖެހޭނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ހަމަ ގައިމު ވެސް ރައީސް ޞާލިހު ނޫން އެހެން ބޭފުޅެއް ނަމަ އެ ވިދާޅުވާ ފާޑާ އެ ހުރިހާ އެއްޗެއްގެ ތެރޭގައި ކެތްތެރިކަން ގެއްލި، ހަމަ އަނެއްކާ ވެސް ރައީސް ނަޝީދު ޖަލަށް ލައްވާނެ ކަމަށެވެ.

މާރިޔާ ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ގޮވެލި ގޮވައިލަ ގޮވައިލާ ތިބޭނީ ކިހާ ދުވަހަކުތޯ އެމްޑީޕީގެ މެމްބަރުން ވިސްނަން އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ މާރިޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، އެ ޕާޓީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. ދެ ރައީސުން ވާދަކުރައްވާ މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް