މުދާ ކޮންޓެއިނާތައް ޓްރާންސްފާ ކުރުމަށް އެމްޕީއެލުންނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން އެމްޕީއެލުން ބުނީ މިހާރު ނަގަމުންދާ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގުތައް އަންނަ ޖެނުއަރީ އެކަކުން ފެށިގެން 75 ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށެވެ.
އެމްޕީއެލުން ބުނީ މި ބަދަލު ގެނައުމުގެ ބޭނުމަކީ ރާއްޖޭން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރިތައް އިތުރަށް ކުރިއަރުވައި އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލެއް ކަމަށް އެމްޕީއެލުން ހާމަކުރެއެވެ.
މީގެ އިތުރުން، އެމްޕީއެލުން ބުނީ 20 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާ ކުރުމަށް މިހާރު ނަގާ 4،419.03 ރުފިޔާގެ ބަދަލުގައި މި ބަދަލާއެކު އަންނަ އަހަރުން ފެށިގެން 20 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާކުރަން ނަގާނީ 1،132.08ރ. ކަމަށެވެ.
އަދި 40 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާކުރަން މިހާރު ނަގާ 8،767.51ރ ގެ ބަދަލުގައި ދެން ނަގާނީ 2،264.15ރ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެކްސްޕޯޓް ކޮންޓެއިނަރުގެ ޓެރިފަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ގޮތުން ރާއްޖޭން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕޯޓް ކޮންޓެއިނަރެއް ޓްރާންސްފާ ކުރުމަށް ނަގާ އަގުތަކަށް އެމްޕީއެލުން ބަދަލު ގެންނަން ނިންމީ މިހާރު ނަގަމުންދާ އަގުތަކާމެދު އެކްސްފޯޓަރުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ އެކްސްޕޯޓަރުންނަށްވެސް ވިޔަފާރި ހިންގުމަށް ފަސޭހަ މަގުތައް ކޮށައިދިނުން ކަމަށާއި މާލެ ކޮމާޝަލް ހާބަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް