ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީން މިރޭ ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާއި ގުޅިގެން ކަމުގައެވެ. ނަމަވެސް މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަންނަވާ ވަކި ތާރީޚެއް އަދިހާމަކޮށްފައެއް ނުވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެ ވަޑައިގަންނަވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ ވަފްދަކާ އެކުއެވެ. ވަންގް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާ ވެސް ބައްދަލު ކުރައްވާނެއެވެ.
ޗައިނާ ސަފީރު ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވެވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށްފަހުއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވެސް ވަންގް ޔީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް