އެމްޓީސީސީ ރަށްވެހި ޗެލެންޖުގެ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.
ފައިނަލު ގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެފައި މިވަނީ ގްރޫޕު ސްޓޭޖުގައި ބާކީ ދެ މެޗު ނުކުޅެ އޮއްވައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު މެޗު އެން.ވައި.ޖީން ކާމިޔާބު ކުރީ ރޭވަން ސްޕޯރޓްސް ކްލަބާއި ވާދަކޮށް 3 ލަނޑު 0 ލަނޑުންނެވެ.
ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޫނީ އެން.ވައި.ޖީނެނެވެ. ނަމަވެސް މާގިނަ ޙަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ފަރުހާދު އިސްމާޢީލް (ފަރޭ) އެވެ.
މި ލަނޑާއެެކު ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ އެން.ވައި.ޖީން ވަނީ ކުޅުން ރަނގަޅުކޮށް ގިނަޙަމަލާތަކެއް އުފައްދާފައެވެ. އަދި އެޓީމުގެ ޖާރޒީ ނަމްބަރު 10 ޢަބްދުލް ޖަލީލު (ތާބޯ) ގެ ބަދަލުގައި އަހުމަދު ރިޒުވާނު (ރިޒޫ) ކުޅެން ނުކުތުމާއެކު މުޅި ގޭމް ބަދަލުވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 74 ވަނަ މިނެޓުގައި ރިޒޫ ކާމިޔާބުކުރި ގޯލާއެކު ލީޑު ފުޅާކޮށް އެން.ވައި.ޖީ ހަމަޖެހިލިއެވެ. އަދި މެޗުގެ ފަހުކޮޅު ޒުވާން ކުޅުންތެރިޔާ އިބްރާހިމް މުނީޒު (ޓޮޓީ) ކާމިޔާބުކޮށްދިން ގޯލާއެކު އެންވައިޖީ އަށް ތިން ޕޮއިންޓު ޔަގީންކޮށްދިނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން.ވައި.ޖީގެ ފަހަތަށް ކުޅެމުން އަންނަ ޖާރޒީ ނަމްބަރު 16 ފާރޫގު އިސްމާޢީލްއެވެ.
އެން.ވައި.ޖީ މިމެޗުން މޮޅުވުމާއެކު ޖެނުއަރީ 4 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ އެން.ވައި.ޖީ އާއި ސްޕޯރޓްސް ކްލަބް ފަހުލަވާނެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. އެމެޗުގައި ބައްދަލު ކުރާނީ ރޭވަން ސްޕޯރޓްސް ކްލަބާއި އެސް.ޖީސީ އެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރ އަކީ ދުވަސްއެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް