މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން އެ މަޤާމުން ވަކި ކޮށްފިއެވެ.
ބަންގްލަދޭޝްގެ އެހްތެޝާމް އެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ. އޭނާއަކީ އިސްލާމިކް ފައިނޭންސިން ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
އެމްއައިބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެހްތެޝާމް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން ވަކި ކުރުމަށް އެ ބޭންކުގެ ބޯޑު ބައްދަލުވުމަކުން އިއްޔެ ނިންމާފައިވާ ކަމުގައެވެ.
އެގޮތުން އޭނާ މަގާމުން ވަކިކުރީ، ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީއަކާއި އޮޑިޓު އަދި ޕޮރޮސެސް ރިވިއުއަށް ފަހު ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، އެހްތެޝާމް އެ މަގާމުން ވަކި ކުރީ އެ ބޭންކުން ހިންގި ތަހުގީގަށްފަހު ބޭންކިން ދާއިރާއާއި ގުޅުން ހުރި ޤާނޫނުތަކާއި ޤަވައިދުތަކުގައި ބަޔާންކޮށްފައިވާ، މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭތީ ކަމުގައި އިސްލާމިކް ބޭންކުން ހާމަކޮށްފައި ވެއެވެ.
އެމްއައިބީ އިން ބަލަމުން އައި މައްސަލައަކާ ގުޅިގެން އެހްތެޝާމް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ގައި ކަން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް