އެންމެ ފަހުން ޕްރިމިއާ ލީގުގައި ނިއުކާސަލްއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާއި އެކު ސަސްޕެންޑްވެ މިރޭ ބާންލީއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި ބުރޫނޯ ފެނާންޑޭސްއަށް ނުކުޅެވޭނެއެވެ.
ޔުނައިޓެޑްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕޯޗުގަލްގެ އެޓޭކިންގ މިޑްފީލްޑަރ ފެނާންޑޭސްއަށް ކުރިމަތިވި ސަސްޕެންސަނުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅޭވޭއިރު، އޭނާ ނެތުމަކީ ޓީމަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމެއް ކަމަށް ކޯޗު ރަލްފް ރަންގްނިކް ވަނީ ބުނެފައެވެ. އެހެންކަމުން ފެނާންޑޭސް ނެތްތަން ފޫބެއްދުމަށް ޒުވާން ވިންގާ ޖޯޑަން ސަންޗޯގެ ބޭނުން މިރޭގެ މެޗުގައި ރަންގްނިކް ހިފާފާނެ ކަމަށް ބެލެވެއެވެ. ސަންޗޯ އަކީ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ކުޅުންތެރިއެއް ނަމަވެސް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމަނާފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު އުސޫލު ބުނާ ގޮތުން ލީގުގައި ފަސް ރީނދޫ ކާޑް ހަމަވެއްޖެ ނަމަ އެއް މެޗުގެ ސަސްޕެންސަނެއް އަންނާނެއެވެ. އަދި 10 ރީނދޫ ކާޑް ހަމަވެއްޖެ ނަމަ ދެ މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.
އެގޮތުން ފެނާންޑޭސްއަށް މިފަހަރުގެ ލީގުގައި ފަސްވަނަ ރީނދޫ ކާޑް ދައްކާފައިވަނީ އެންމެ ފަހުން ނިއުކާސަލް އާއި ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި ރެފްރީއާއި ދެމެދު ހިނގި ދެބަސްވުމަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް