އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރި 56 ފަރާތެއްގެ ތެރެއިން 24 ފަރާތަަކަށް އެ ކުންފުނިން ވަޒީފާ ދީފިއެވެ.
މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ މަސައްކަތުގެ މާހައުލުގައި ބިނާކުރުވަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުން ކަމުގައި އެޗް.ޑީ.ސީ އިން ހާމަކުރެއެވެ.
އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ވަނީ ދީފައި ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން ބައިވެރިން ތަމްރީން ކޮށްފައި ވެއެވެ.
ހަ މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ވަނީ ދީފައެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 56 ފަރާތަކުން ފުރިހަމަ ކޮށްފައި ވާއިރު މީގެތެރެއިން، 24 ބައިވެރިންނަށް ވަނީ އެޗް.ޑީ.ސީ ގެ ފަރާތުން ވަޒީފާގެ ފުރުސަތު ދީފައި ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.
މީގެ ތެރޭގައި، 5 އެސިސްޓެންޓް ވެލްޑާސް، 2 އެސިސްޓެންޓް ގާރޑްނާސް، 6 އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރސް، 5 އެސިސްޓެންޓް އިލެކްޓްރީޝަން، 5 ހެވީ ވެހިކަލް ޑްރައިވާ އަދި 1 އެސިސްޓެންޓް މޭސަން ހިމެނެއެވެ.
އެޗް.ޑީ.ސީ އަށް ދިން އިންޓަރވިއު އެއްގައި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ޕްރޮގްރާމްގެ ބައިވެރިއެއް ކަމުގައިވާ މޫސާ ފިޒާލް ވިދާޅުވީ، "އަޅުގަނޑު ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރީ ސިވިލް އިންޖީނިއަރިންގެ ރޮގުން ކުރިޔަށް ދިޔުމުގެ ގޮތުން. ގިނަ މީހުން ދެކޭ ގޮތުގައި މިއީ ވަރަށް ފަސޭހަ ކަމެއް އެހެންނަމަވެސް މިއީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް. އަޅުގަނޑަށް މި ޕްރޮގްރާމްގައި ދަސްވެފައިވާ އެންމެ މުހިއްމު ކަމަކީ ގަޑިއަށް މަސައްކަތަށް ހާޞިރުވުމުގެ މުހިއްމުކަމުގެ އިތުރުން ތަފާތު އެކި މީހުންނާއި އެކު މަސައްކަތް ކުރުން. މިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަޅުގަނޑު އެދެނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުން"
އެޗްޑީސީން ހާމަ ކުރާ ގޮތުގައި އެ ކުންފުނިން ހުޅުވާލާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެ ގިނަ ދާއިރާތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ކުރިއަށް އޮތް ތާގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ރޭވިފައިވާ ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް