އިޓާލިއަން ލީގުގެ ކްލަބެއް ކަމަށްވާ ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ސްޕެއިން އަދި އިޓަލީގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 29 އަހަރުގެ މޮރާޓާ ހޯދުމަށް ބާސާއިން މިހާރުވަނީ މަސައްކަތް ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން ބާސާއިން މޮރާޓާ ބޭނުންވަނީ ދިގު މުއްދަތަކަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ވިސްނަމުން ދަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއް މޮރާޓާއަށް ދިނުމަށެވެ.
ބާސެލޯނާއިން މޮރާޓާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން މޮރާޓާ އަކީ މި ސީޒަނުގައި ބާސާއަށް ގެންދިއުމަށް އެކުލަބުން އަމާޒު ހިފާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ޔުވެންޓަސްގައި މިވަގުތު ލޯން އުސޫލުން ކުޅެމުން އަންނަ މޮރާޓާ އާއި ހަވާލާދީ ބާސާގެ ކޯޗު ޒަވީ ހެނާންޑޭސް ބުނެފައިވާ ގޮތުގައި މޮރާޓާ ޔުނެންޓަސްގައި ހުރީ އުފަލަކުން ނޫނެވެ. އެހެން ކަމުން މޮރާޓާ ވެސް ބޭނުން ވަނީ ޔުވެންޓަސް ދޫކޮށް ބާސެލޯނާއަށް ބަދަލުވުމަށް ކަމަށް ޒަވީ ވަނީ ބުނެފައެވެ. އެގޮތުން މިހާރު ޒަވީ އަންނަނީ މޮރާޓާގެ އޭޖެންޓް ހުއާންމާ ލޮޕޭޒްއާ އެކު މަޝްވަރާތައް ކުރަމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ޒަވީ ބުނީ މޮރާޓާ އަކީ މިވަގުތު ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާއި މޮރާޓާ އަކީ ބާސާގެ އަމާޒަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށެވެ.
މޮރާޓާ ޔުވެންޓަސްއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. މި ސީޒަނުގެ ނިޔަލަށް މޮރާޓާގެ ލޯނުގެ މުއްދަތު ހަމަވާއިރު، އޭނާއަށް ދެން ބާކީ އޮތީ އެންމެ ހަ މަސް ދުވަހެވެ. ލޯނުގެ މުއްދަތައް ފަހުވެސް ޔުވެންޓަސްއިން މަސައްކަތް ކުރަމުން ގެންދަނީ މޮރާޓާ އިތުރަށް ކުލަބުގައި ބެހެއްޓުމަށް ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް މި ސީޒަނަށް ފަހު މޮރާޓާ ކުލަބު ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ.
2020 ވަނަ އަހަރު ލޯނު އުސޫލުން އެތްލެޓިކޯ އިން ޔުވެންޓަސްއަށް ބަދަލުވި މޮރާޓާ އަންނަނީ ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޔުވެންޓަސްއަށް އޭނާ ކުޅެދިން 67 މެޗުގައި 27 ގޯލް ކާމިޔާބު ކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް