މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބާއްވާ " ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހެނދުނު ހުޅުމާލޭގައި އޮންނާނެކަަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ މިއީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް ކަމަށެވެ. އަދި މި ދުވުން ކުރިއަށްދާނީ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލް ސަރަހައްދުގައި ކަމަށެވެ.
މިހައިތަނަށް ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ މި ދުވުން ފަށާނީ ހެނދުނު 6:30 ގައި ކަމަށާއި މި ދުވުމުގައި އެކި ވުޒާރާތަކުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާރޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް) އަށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.
ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖާރޒީ މިއަދު ހެނދުނު ހަދިޔާކޮށްފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އަށް ވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީ.އީ.އޯ ޝާހިދު އަލީ އެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ޚާސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށެވެ.
ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް