މަސައްކަތް ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް 8 މަސް ދުވަސް ތެރޭގައި ނިންމަން ހަވާލުކޮށްފިއެވެ.
ސިފައިންގެ ފްލެޓްތައް ނިންމަން ހަވާލުކޮށްފައި ވަނީ މީގެ ދެ ހަފްތާ ވަރުު ކުރިން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާއެވެ. ސިފައިންގެ ފްލެޓްތަކުގެ މަޝްރޫޢު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައި ވަނީ ސިފައިންގެ ކުންފުނި ސިފްކޯ އަށް ދޭ ލޯނެއްގެ ގޮތުގައެވެ.
ފުލުހުންގެ ފްލެޓްތައް ނިންމަން ހަވާލުކޮށްފައި ވަނީ ޕްލޭނިންގް މިނިސްޓްރީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމީން ކޮންސްޓްރަކްޝަން އާއެވެ.
ޕޮލްކޯ ފްލެޓްތަކުގެ 361 ޔުނިޓްގެ ބާކީ މަސައްކަތްތައް ނިންމަން ހަވާލުކޮށްފައި ވަނީ 275 މިލިއަން ރުފިޔާ އަށެވެ. ތިން ޓަވަރު ހިމެނޭ ޔުނިޓެއްގެ ބޮޑު މިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެ ޕާޓްމަންޓްތަކުގެ އިތުރުން، ޕާރކިންގ އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕަސް ހޯލް ހިމެނެއެވެ. ފުލުހުންގެ ފްލެޓްތައް ނިންމަން ހަމަޖެހިފައި ވަނީ ސަރުކާރުން ފުލުހުންގެ ފްލެޓްތައް ބަލަހައްޓާ ޕޮލްކޯ އަށް ދޭ ލޯނެއްގެ ގޮތުގައެވެ.
ޕޮލްކޯ ފްލެޓްތަކުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީި އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އިރުފާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް