ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ: ނައިބު ރައީސް

ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކ...

30 Dec 2021 | 11:42

ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙު ކުރުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމު ހިންގުން ކަމަށާއި އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ޚިދުމަތްތައް ލިބޭނެ މަގުފަހި ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން  ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައޮތް ސަމާލުކަން ކުޑަކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުން ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދަނީ، އެ ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައް ކަމަށްވާތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަކަމެއް ގެނުވާނޭ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ އައު ވެބްސައިޓް ތަޢާރަފުކުރުމާއެކު، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢާގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއިން ސިވިލް ސަރިވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ޚިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ޚިދުމަތް ދިނުމަށް މަގުފަހި ކުރެވިގެންދާނެއެވެ.

މި ހަފްލާގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުޢައްސަސާތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް