ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތް ފަށައިފި އެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މިކަމަށް ޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި މުބާރާތުގެ އޮޑިޝަނުގައި މުޅި ރާއްޖެއިން 4،000 ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން މުބާރާތައް ހޮވާފައިވަނީ 1،000 ކުދިންނެވެ.
މުބާރާތަށް ހޮވުނު ކުދިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ގޮފިން ބައިވެރިވި ހުރިހާ ބައިވެރިންގެ ކިޔެވުންތައް މިހާރު ވަނީ ހުށައަޅާފައެވެ.
މިދިޔަ އަހަރު ކޯވިޑާއި ގުޅިގެން މި މުބާރާތް ބާއްވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަމުގައި ވާޗުއަލްކޮށް މުބާރާތެއް ބާއްވާފަ އެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޤުރުއާނަށް އަހުލުވެރި ހެޔޮލަފާ ރަނގަޅު މުޖުތަމައެއް ބިނާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް