މާތްވެގެންވާ ހަރަމްފުޅާއި ނަބަވީ މިސްކިތުގެ ކޯވިޑް ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މައްކާގެ މާތްވެގެންވާ ހަރަމްފުޅާއި މަދީނާގެ މަސްޖިދުލް ނަބަވީގައި އެޅި ފިޔަވަޅުތަކަށް އަނެއްކާވެސް އަމަލު ކުރަން ފަށައިފި އެވެ. ކޯވިޑް ލޮކްޑައުނަށް ފަހު ސައ...

30 Dec 2021 | 08:58

ކޯވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މައްކާގެ މާތްވެގެންވާ ހަރަމްފުޅާއި މަދީނާގެ މަސްޖިދުލް ނަބަވީގައި އެޅި ފިޔަވަޅުތަކަށް އަނެއްކާވެސް އަމަލު ކުރަން ފަށައިފި އެވެ.

ކޯވިޑް ލޮކްޑައުނަށް ފަހު ސައުދީ އަލުން ހުޅުވާލައި ހައްޖާއި އުމްރާވުމުގެ ފުރުސަތު ދޭން ފެށީ މަސްޖިދުލް ނަބަވީ އާއި ހަރަމްފުޅު ހިމެނޭ ސަރަހައްދުގައި އިޖްތިމާއީ ގައިދުރުކަމާއި އެކު މާސްކު އަޅައިގެން އުޅެވޭގޮތަށެވެ. އެކަމަކު ސައުދީގެ ކޯވިޑް ހާލަތު ރަނގަޅުވުމުން މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެ ފިޔަވަޅުތައް އުވާލާފައިވެ އެވެ.

ސައުދީގެ މާތްވެގެންވާ ދެ މިސްކިތުގެ ޖެނެރަލް ޕްރެޒިޑެންސީން އެފެއާޒުން ބުނީ މިއަދު ހެނދުނު 7:00ން ފެށިގެން ހަރަމްފުޅާއި ނަބަވީ މިސްކިތުގައި އުޅެވޭނީ މާސްކު އަޅައިގެން އިޖްތިމާއީ ގައިދުރު ކަމުގައި ކަމަށެވެ. އަދި އުމްރާވެރިން ތޮވާފް ކުރުމާއި ދެ މިސްކިތުގައި ނަމާދު ކުރާނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ދެ ސަރަހައްދަށް ވަދެވޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

މި ފިޔަވަޅުތައް އެޅީ އުމްރާވެރިންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަަމަށް ބުނެފައިވެ އެވެ. މި ފިޔަވަޅުތަކަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް އަމަލު ކުރަން ޖެހެ އެވެ.

މި ފިޔަވަޅުތަކާއި އެކު ދެން މަސްޖިދުލް ހަރަމް އާއި ނަބަވީގައި ނަމާދު ކުރެވޭނީ މިސްކިތުގެ ޖާގައިދެ ދެބައިކުޅަ އެއްބައި މަދުންނެވެ.

މިގޮތަށް ނިންމީ އާންމު ތަންތަނުގައި މާސްކު އަޅައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގަވައިދަށް އަނެއްކާވެސް އިއްޔެއިން ފެށިގެން އެ ގައުމުގައި އަމަލު ކުރަން ފެށުމުންނެވެ. ސައުދީގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ބުނީ ކޯވިޑާއި ގުޅިގެން ލުއި ދިން ކަންކަން އުވާލައި ކުރިއެކޭ އެއްގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރީ އާ ވޭރިއަންޓު އޮމިކްރޯން އާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް